އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފުރާވަޑައިގެންފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އެ ގައުމުގެ ދައުވަތަކަށް ކަމަށެވެ. އަދި ރައީސްގެ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އެވަރުގެ ހަރަދެއް ނުދާ ކަމަށާއި އެ ދަތުރުފުޅުގައި އެއްވެސް ރަސްމީ ބައްދަލުވުމެއް ނޯންނާނެތީ ހަރަދުތައް ކުޑަ ވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ
އެކި ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާ އެ ޖަނާޒާގައި ރާނީގެ ހަށިކޮޅު ފަސްދާނުލުމުގެ ކަންކަން ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހުގައެވެ.
ރައީސްގެ ދެ ކަނބަލުންގެ އެ ދަތުރުފުޅުގައި ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ އެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރާނީ އަވަހާރަވީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.
ރައީސްގެ ދެ ކަނބަލުން އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.