ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ އުފަންދުވަހާ ގުޅުވައިގެން ޑާކްރެއިން އެންޓައިންމަންޓުގެ ފިލްމު "ހިނދުކޮޅެއް"ގައި ހިމެނޭ ލަވަ "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފިއެވެ.

އާޝާ އަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން މި ލަވަ އިއްޔެ ރިލީޒްކޮށްފައިވަނީ ރާއްޖެ ޓީވީ އިން ދެއްކި ފަށާއިރު ޕްރޮގްރާމްގައެވެ. މި ލަވައިން އާޝާ އާއެކު ފެނިގެންދަނީ ޝަރަފް އަބްދުﷲ އެވެ. މި ދެތަރިންނަކީ މި ފިލްމުގެ ލީޑު ދެތަރިން ވެސްމެއެވެ. "ލޮލަކަށް ނިންޖެއް ނާދޭ" މި ލަވައަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ހުސައިން ތައުފީގުގެ ހިތްގައިމުން އަޑުން ކިޔާފައިވާ ލަވައެކެވެ. މިއީ މި ލަވައިގެ އެހެން ވާޝަނެކެވެ. ލަވައިގެ ޅެން ހެއްދީ އީސާ ޝަރީފުއެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) އަދި އާއިޝަތު ފުއާދު ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގައި ހިމެނޭ އިތުރު ތަރިންނަކީ މަރިޔަމް މަޖުދާ (މަޖޫ) އަދި ރަވީ ފާރޫގެވެ. 2019 ވަނަ އަހަރު ޑާކްރެއިންގެ ވަރުގަދަ ފިލްމު "ގޮށްރާޅު" އިން ދިވެހި ފިލްމު އިންޑަސްޓްރީ އަށް ނުކުތް ބަތަލާ އާޝާ އަކީ ކުރިއަރަމުން އަންނަ އުންމީދީ ބަތަލާއެކެވެ.

"ހިނދުކޮޅެއް" އަދި ރިލީޒްކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޑާކްރެއިނުން ދެން އެންމެ އަވަހަށް ސްކްރީނަށް ގެންނާނީ "ބީވީމާ" އެވެ. މި ފިލްމުން ބަތަލާ އާޝާ ވެސް ފެނިގެންދާނެއެވެ.