މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 11 މީހުންގެ ތެރެއިން މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މ. މުލި، ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު، މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ، މުހައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް އޭނާއަށް ވަނީ ސީޕީއާރް ދީފައި ކަމަށެވެ. ސީޕީއާރަށް ފަހުވެސް އޭނާ ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 17:26 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފައި ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ، މުހައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. އޭނާ މަރުވުމާ ގުޅިގެން އެ ސާވިސް އިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަސް ކަރެކްޝަންސް އިން ބުނެއެވެ.

61 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން އޮޕަރޭޝަންގައި 61 ކިލޯއަށް ވުރެ ގިނަ ޑައިމޯފިން (ހެރޮއިން) އާއި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައިގައި، އަތުލައިގެން ތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިދިޔަ އަހަރުގެ މާޗް މަހުގައި ބޭއްވި އަޑުއެހުމުގައި ވަނީ ހައްޔަރު ކުރި 11 މީހުންގެ ތެރެއިން 5 މީހެއްގެ ބަލި ހާލަތު ހާމަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އެމީހުންގެ ބޭސްފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ޝަރީއަތުގައި ބުނެފައެވެ. އޭގެތެރޭގައި ނަޝީދު ވެސް ހިމެނެއެވެ.

އެ ދުވަހު ޝަރީއަތުގައި ނަޝީދު ބުނެފައި ވަނީ ބޮލުގެ އެއްފަޅި އައްސިވާ ކަމަށާއި ކަންފަތުގައި ލޯވަޅެއް ހެދި ކަންފަތުން ލޭ އަންނަ ކަމަށެވެ. ޑޮކްޓަރަށް ދެއްކި ނަމަވެސް އެދެވިގެންވާ ފަރުވާ ނުލިބޭ ކަމަށް އޭނާ ބުނެފައި ވެއެވެ. މީގެ އިތުރުން އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމާއި ބޭނުން ކުރުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.