ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީހުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ބައިނަލްއަގްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާ ދެއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ހައްގުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ގާނޫނުތަކަށް މިހާރުވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާކަން ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެހެން ގައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމްފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، މުޅި ދަޢުލަތް ހިމެނޭހެން އަދި ފަރުދީ، އިޖުތިމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.