ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން ބިން މުހައްމަދު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުފާނު ބަލައިގަންނަން ހައިކޯޓުން ނިންމައިފިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ އޭގެ އަނެއް ދުވަހުއެވެ. ފަޒްލޫނުގެ ބަންދާމެދު ގޮތެއް ނިންމަން ޖުލައި މަހު 21 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ޝަރުތުތަކެއްކޮށް ބަންދުން ދޫކޮށްލަން ކޯޓުން ވަނީ ނިންމާފައެވެ.

އޭނާ ހައްޔަރުކޮށް މުއްދަތު އިތުރުކުރި ތިން ފަހަރު ވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެހުރިހާ ފަހަރެއްގައި ވެސް ހައިކޯޓުން ނިންމީ ޝައިޚް ފަޒްލޫން ބަންދުކުރީ ރަނގަޅަށް ކަމަށެވެ.

ނަމަވެސް ޝެއިހް ފަޒްލޫން ކުރެއްވި ޓްވީޓެއްގައި އެ މައްސަލަ އަލުން މުރާޖާކުރަން ހައިކޯޓުން ނިންމާފައިވާކަން ވަނީ ހަމަކުރައްވާފައެވެ.

ޝައިހް ފަޒްލޫން ވިދާޅުވީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަކް ކޯޓުން ކުރި އަމުރު ބާތިލް ކުރުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަމްރަށް ފުލުހުންގެ އެދުމުގެ މަތިން ޕީޖީއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖާކޮށް، ހައިކޯޓުން އެ މައްސަލަ ބަލައިގެންފި ކަމަށެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިހް ފަޒްލޫންގެ އިތުރުން ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ހައްޔަރުކުރިއެވެ.

ޝައިހް ފަޒްލޫނާއި ޝައިހް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ އަތުލާފައިވަނީ ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.

ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނި ގޮތުގައި، އެ މީހުން ދޫކޮށްލާފައިވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައެވެ. ނަމަވެސް، އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.