އާކިޓެކްޗާ ނުވަތަ ފަރުމާ ކުރުމުގެ ތަފާތު ހުނަރު ދައްކާ ދުބާއީގައި 5 ބިލިއަން ޑޮލަރުގެ ހަނދެއް (ހަނދު ބައްޓަމަށް ހަދާ ރިސޯޓެއް) ހަދަން ތައްޔާރުވެއްޖެެއެވެ.

މިހާރުވެސް ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބްރުޖް ހަލީފާ ވެސް ހުންނަ ދުބާއީގައި ހަނދު ބައްޓަމުގެ ލަގްޒަރީ ރިސޯޓެއް ހަދާކަން މިހާރު ވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ.

މި ރިސޯޓް ހަދަނީ ކެނެޑާގެ މޫން ވޯލްޑް ރިސޯޓްސް އިންކް އިންނެވެ. އުސްމިނުގައި 735 ފޫޓް ހުންނަ މިރިސޯޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެކުންފުންޏާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

މި ރިސޯޓްގައި ސްޕާއާއި ނައިޓްކްލަބް ތަކާއި އަދި ކެސިނޯތަކުގެ އިތުރުން، ރެސްޓޯރަންތް ތަކާއި ބީޗް އާއި މޫދުތައް ހިމެނޭ ސަރަހައްދުތަކާއި ޓެރަސްވެސް ހިމަނާފައި ވެއެވެ.

މި ރިސޯޓް ހަދާ ކުންފުނިން އުންމީދު ކުރަނީ އަހަރަކު 2.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.

ހަނދުގެ ބައްޓަމަށް ހަދާ މި ރިސޯޓުގެ މެދުގައި ވަށާ ހިނގޭ ބޮޑު ރިންގެންވެސް އޮންނާނެ ކަމަށް ބުނެއެވެ.

ދުބާއީއަކީ އާޓިފިޝަލް އެތައް ބީޗަކާއި އެތައް ރަށެއް އުފައްދާ، ފަތުރުވެރިިކަމުގެ އާމްދަނީ އުހުގައި އޮތް ގައުމެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް މިހާރުވެސް 5.2 ބިލިއަން ޑޮލަރު ވަނީ އެ ގައުމަށް ވައްދާފައެވެ. އަދި ދުބާއީއަށް ފަތުރުވެރިކަމަށް ޒިޔާރަތް ކުރި މީހުންގެ އަދަދު 12 މިލިއަނަށް އަރާފައި ވާއިރު އެއީ މިދިޔަ އަހަރާ އަޅާ ކިޔައި 42 ޕަސެންޓްގެ އިތުރުވުމެކެވެ.

އަލަށް ހަދާ މި ރިސޯޓަށް ކުރާ އުންމީދު ބޮޑު އިރު، މި ޕްރޮޖެކްޓްގެ އެއް ފައުންޑަރު ބުނެފައި ވަނީ، ދުބާއީގެ އިގްތިސޯދާއި ސިއްހީ، ތައުލީމީ، ޓެކްނޮލޮޖީ، ތިމާވެށި އަދި މުނިފޫހިފިލުވުމެގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އައުމުގެ އިތުރުން މުހިންމު އެޓްރެކްޝަންސް (ބަލާލަން ހިންގައިމު ތަންތަން) ގެ ތެރޭގައި ވެސް މިތަން ހިމެނޭނެ ކަމަށެވެ.

ދުބާއީ އަކީ މިއަހަރު ނޮވެމްބަރު އަދި ޑިސެމްބަރުގައި އޮންނަ ވޯލްޑްކަޕް ބާއްވާ ގަތަރާ ކައިރީގައި ދަތުރުފަތުރުގެ ފަސޭހަކަން އޮތް ގައުމަކަށް ވުމުގެ އިތުރުން ވޯލްޑްކަމަށް ގަތަރުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ވުމާއެކު، ގިނަ ބަޔަކު މަޑުކުރާނެ އެއް މަންޒިލްވެސް މެއެވެ.