ދުނިޔޭގެ 24 ގައުމެއްގެ ސިޔާސީ ފަރާތްތަކަށް ނުފޫޒު ފޯރުވަން ރަޝިއާއިން ބޮޑެތި ހޭދަތައް ކުރާ ކަމަށް އެމެރިކާއިން ތުހުމަތު ކޮށްފިއެވެ.
އެމެރިކާއިން ބުނީ، އިންޓެލިޖެންސް މައުލޫމާތަށް ބަލާއިރު، 2014 އިން ފެށިގެން މިހާތަނަށް 300 މިލިއަން ޑޮލަރު ރަޝިއާއިން ހަރަދުކޮށްފައި ވާ ކަމަށާއި، އެއީ ސިޔާސީ ފަރާތްތަކަށް ނުފޫޒު ފޯރުވުމަށް ޓިޕްސެ ގެ ގޮތުގައި ދިން ފައިސާ ކަމަށް ބެލެވޭ ކަމަށެވެ. މި ފައިސާ އަކީ ސިއްރުން ދީފައި ހުރި ފައިސާ ކަމަށާއި މިއަށް ވުރެ ބޮޑެތި އަދަދުތައްވެސް ދީފައި ހުރުން އެކަށީގެން ވާކަމަށް އެމެރިކާއިން ބުނެއެވެ.
އެެމެރިކާގެ މި ތުހުމަތުތަކަށް ރަޝިއާއިން ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައި ނުވާއިރު، ދުނިޔޭގެ ގައުމުތަކުން ކަންކުރަން ވީ ގޮތާ، އެމެރިކާއިން ބެހޭ ކަމުގެ ޝަކުވާ ރަޝިއާއިން އަބަދުވެސް ކުރެއެވެ. އަދި އެކި ގައުމުތަކުގައި ހަމަނުޖެހުން ހިންގާ ސަރުކާރުތައް ވައްޓާލުމުގައި އެމެރިކާގެ ސީއައިއޭގެ ދައުރު ބޮޑުކަމަށްވެސް ތުހުމަތު ކުރެއެވެ.
ރަޝިއާއިން ސިޔާސީ ފަރާތްތަކަށް ހަރަދު ކުރާ ކަމަށް އެމެރިކާއިން ބުނާ އިރު އެއީ ކޮން ގައުމުތަކެއްކަމާއި ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ. އެއީ ދުނިޔޭގެ 4 ބައްރެއްގައި ހިމެނޭ ގައުމުތަކެއް ކަމަށާއި އެ ގައުމުތަގެ ސަރުކާރު ތަކާ އެމައުލޫމާތު ވަކިވަކިން ހިއްސާ ކުރާ ކަމަށްވެސް ބުނެއެވެ.
އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުގެ މައުލޫމާތު އެނގޭ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ބުނާ ގޮތުން، އަލްބެނިއާގެ ސެންޓާ ރައިޓް ޕާޓީއަށް 2017 ވަނަ 500،000 ޑޮލަރު ރަޝިއާއިން ދީފައި ވެއެވެ. އަދި ބޮސްނިއާއާއި މޮންޓެނީގްރޯ އާއި މަޑަގަސްކަރަ ފަދަ ގައުމުތައް ފާހަގަ ކޮށްފައި ވެއެވެ.
އިތުރަށް ބުނެފައި ވަނީ، އެކި ގައުމުތަކުގެ ސިޔާސީ ފަރާތްތަކަށް ނުފުޒު ފޯރުވުމަށް، ހިންގާ ފައިސާގެ މުއާމަލާތަތްކުގައި ރަޝިއާއިން ބޭނުން ކޮށްފައި ހުންނަނީ ޕޭޕާ ކުންފުނިކަމަށާއި މައި ހަބަކީ ބްރަސަލްސް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެމެރިކާއިން ރަޝިއާގެ ބޮލުގައި މިފަދަ ތުހުމަތުތަކެއް އަޅުވާ އިރު، 1946-2000 އާ ދެމެދު ދުނިޔޭގެ 80 ގައުމެއްގެ ސަރުކާރުތައް ބަދަލުކުރުމަށް އިންތިހާބުތަކަށް ނުފޫޒު ފޯރުވާފައި ވާކަމަށް އެމެރިކާގެ ކާނެގީ މެލޮން ޔުނިވާސިޓީގެ ރިސާޗާ ޑޯވް ލެވިން ވިދާޅުވެއެވެ.
އެމެރިކާއިން މި ތުހުމަތުތައް ފެންމަތި ކޮށްފައި ވާއިރު، 2020 ވަނަ އަހަރު އެމެރިކާގައި ބެއްވި ރިޔާސީ އިންތިހާބު ޓްރަމްޕަށް ކާމިޔާބު ކޮށްދިނުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އިރުޝާދު ދެއްވާފައި އޮތް ކަމަށް އެމެރިކާއިން ތުހުމަތު ކުރިއެވެ. ނަމަވެސް އެ ތުހުމަތުތަކަށް ރަޝިއާއިން ބުނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.