މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމަށާއި ގދ. ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން އެކަމާގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަމުގައިވާތީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ކަނޑައަޅާ ރަށެއްގައި ސަރުކާރުން ގެންދަނީ އެދުވަސް ވެސް ފާހަގަކުރައްވަމުންނެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ދަނޑުވެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި ދަނޑުވެރިކަމަށް އާންމުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން މި އަހަރު ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފަރެސްމާތޮޑާކަމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ. އެންމެފަހުން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރުގައެވެ.