މަކަރުހަދައި އޮޅުވާލުމާއި މަސައްކަތް ނިންމަން ކަނޑައެޅި ތާރީޚަށް މަސައްކަތްތައް ނިންމާފައިނުވާތީ 11 ކުންފުންޏެއް ސަރުކާރުގެ މަޝްރޫޢުތަކަށް ކުރިމަތިނުލެވޭ ގޮތަށް ފިނޭންސް މިނިސްޓްރީން ސަސްޕެންޑުކޮށްފިއެވެ.

ސެޕްޓެންބަރު 12 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ލިސްޓުގައި ސަސްޕެންޑުކޮށްފައިވާ ކުންފުނިތަކާއި ސަސްޕެންޑުކުރި ސަބަބު ހިމަނާފައިވާއިރު އޭގެތެރެއިން ގިނަ ކުންފުނިތައް ސަސްޕެންޑުކޮށްފައިވަނީ މަސައްކަތް ނިންމަން ކަނޑައެޅި ގޮތަށް ނިންމުމުންނެވެ.

މެރިން ރިސާޗު ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެއްބަސްވުމާ އެއް ގޮތަށް ނުކުރުމުން ގުޑް ވޯކްސް މޯލްޑިވްސް ސަސްޕެންޑްކޮށްފައިވާއިރު މާރިސް ސަސްޕެންޑްކޮށްފައިވަނީ ނ. އަތޮޅު މަދަރުސާގެ ކްލާސް ރޫމްގެ މަސައްކަތް ނުކުރުމުން ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ. އަދި ވިންކް މޯލްޑިވްސް ޓޮމީ އިންޖިނިއަރިނާއި ޓީއެންޑީބީ އިންޖިނިއަރިން ސަސްޕެންޑްކޮށްފައިވަނީ ރައީސް އޮފީހަށް ވޭނެއް ގަތުމުގެ ބިޑްގައި އޮޅުވާލުމުގެ ކަންތައްތަކެއް ހިންގުމުން ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ވޯޓާޕާކް މޯލްޑިވްސް ސަސްޕެންޑްކުރީ ރ. އުގޫފާރާއި ވ. ކޮޔޮދޫ ސްކޫލްގައި މަލްޓި ޕާޕޯސް ހޯލެއް އެޅުމުގެ މަސައްކަތް ނުކުރުމުން ކަމަށާއި ވ. ރަކީދޫ ސްކޫލް ތަރައްގީގެ މަސައްކަތް ނުނިންމުމުންނާއި ލ. ގަން މުގުރިމަގު ސްކޫލް އޮފީސް އިމާރާތް ނުނިންމުމުން އެސްބްރޯ މޯލްޑިވްސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ކޭއެސްއޭ މޯލްޑިވްސްއާއި އެސްޓޮނިސް ކްލީނިން ކޮމްޕެނީ ސަސްޕެންޑްކޮށްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލް ފޮޅައި ސާފްކުރުމުގެ ބިޑަށް ވަގު ލިޔުމެއް ހުށަހެޅުމުން ކަމަށާއި މޫވް އެކްސް ސަސްޕެންޑްކުރީ ށ. މިލަންދޫ ކައުންސިލަށް ކުނި ނަގާ ޓްރެކްތައް ހޯދައިނުދެވުމުން ކަމަށެވެ. އޭގެ އިތުރުން ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ނުނިންމުމުން އެ މަސައްކަތް ހަވާލުކުރި އެލްއެފް ކޮންސްޓްރަކްޝަން ވަނީ ސަސްޕެންޑްކޮށްފައެވެ.

މި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފައިވާއިރު އަނެއްބައި ކުންފުނި ސަސްޕެންޑުކޮށްފައިވަނީ 3 މަހާއި 6 މަހުގެ މުއްދަތަކަށެވެ.