ބައެއް ބިލުތަކުގެ މަސައްކަތް ކުރިޔަށްދާލެތް ލަސްވަނީ ސަރުކާރުން ވަކި ގޮތަކަށް އެބިލުތައް ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް ރައްޔިޔތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ކޮމިޓީތަކަށް ދިއުމުގެ މަގުމަތީގައި ގިނަ ބިލުތަކެއް ހުރިއިރު ނުނިމި ކޮމެޓީތަކުގައި އެތައް ބިލުތަކެއް ހުރިކަމަށްވެސް ވިދާޅުވެފައެވެ. އަދި ބިލުތަކުގެ މަސައްކަތް ނިންމުމަށްފަހު އެކަމަށް ސަރުކާރުގެ ހިޔާލުނުލިބިގެން ބައެއް ބިލުތައް ލަސްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ކުދިކުދި ބިލުތައް ގިނަ އަދަދަކަށްހުރިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެ ބިލުތައް ނިންމަވާނެ ސުންގަޑިއެއް ދެއްވުމަށް މެންބަރުންގެ އަރިހުން އެދިލައްވާފަައެވެ.
އޭގެ އިތުރުން ކޮމެޓީތަކުގައި ވަރަށް ގިނަ ދުވަސްތަކެއްވީ ބިލުތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެ ބިލުތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށް ވެސް މެންބަރުންގެ އަރިހުން އެދިލައްވާފައެވެ.