މީގެ 12 އަހަރު ކުރިން ފަޅުވެރިންތަކަކަށް ބިރު ދައްކައިގެން ލޯންޗެއް ހައިޖެކްކުރި ދެ މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ނޮވެމްބަރު 2010 ގައި ހދ. މަކުނުދޫގެ ދެ މީހަކު ވަނީ ކުޅުދުއްފުށި ސިޓީ އަށް ދިޔަ ލޯންޗެއްގައި ތިބި ފަޅުވެރިންތަކަށާއި ކައްޕި އަށް ބިރުދެއްކުމަށް ފަހު، އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ވައިކަރަމުރައިދު އަށް އެ ލޯންޗު ގެންގޮސްފައެވެ.

ދެ މީހުން ވެސް ވަނީ ކުށަށް އިއުތިރާފު ވެފައެވެ.

އެ ދެ މީހުންގެ މައްޗަށް އެންމެ ފުރަތަމަ ކުރީ ޓެރަރިޒަމްގެ ދައުވާއެވެ. ނަމަވެސް އެ ގާނޫނު އުވާލާފައިވާތީ، އެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅާފައި ވަނީ ގާނޫނުލްއުގޫބާތުގެ 140 ވަނަ މާއްދާގެ ދަށުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައެވެ.

އެ ކުށުގެ އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށް ވީ ނަމަވެސް، އެ މީހުން ކުށަށް އިއުތިރާފްވުމާއި، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އެ މީހުންގެ އަދަބު ކުޑަވެއެވެ. އެއަށް ވުރެ ވެސް ލުއި އަދަބަކަށް ދެ މީހުން އެދުމުން، ކޯޓުން ވަނީ ދެ މީހުން ޖޫރިމަނާކުރަން ނިންމައިފައެވެ.

އެގޮތުން އެކަކު 9،600ރ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭއިރު، ދެވަނަ މީހާ ދައްކަން ޖެހެނީ 12،600ރ އެވެ.

ނަމަވެސް، އެ ދެ މީހުންނާ އެކު ބައިވެރިވި ކުޑަކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް 2017 ގައި އިއްވާފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު އަންނަ އަހަރަށް ހަމަވާނެއެވެ.