މ. މުލި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ގެ ދަށުން ރަންވޭ ހިއްކުމުގެ 42 ޕަސަންޓު ނިންމައިފިއެވެ.

މުލި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ފަޔާ ބިލްޑިން ޕްލާސްޓް އެޅުމުގެ މަސައްކަތުގެ 68 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށާއި އަދި ރަންވޭ ހިއްކުމުގެ 42 ޕަސަންޓު ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ.

މީގެ އިތުރުން 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.