އދ. ގެ އާންމު މަޖިލީހުގެ ރިޔާސާތަކީ ދިވެހި ރައްޔިތުންގެ ފަރާތުން އދ. އަށް ގެނެސްދިން އުންމީދުގެ ރިޔާސަތެއް ކަމަށް 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މީގެ އެއް އަހަރުކުރިން އެ މަގާމަށް ވަޑައިގަތް ޝާހިދުގެ ދައުރު މިއަދު ހަމަވެފައިވާއިރު ގިނަ ބަޔަކަށް ޝުކުރު އަދާކޮށް މިރޭ ދެއްވި ވަދާއީ ތަގުރީރުގައި ޝާހިދު ވިދާޅުވީ ރާއްޖެ އަކީ ޖަޒީރާ ގައުމަކަށްވީ ނަމަވެސް އެކުވެރި ދައުލަތްތަކުގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމު ދިވެހި ރައްޔިތަކަށް ލިބުނުކަމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

މިފަދަ މަގާމެއް ދިވެއްސަކަށް ލިބުމަކީ ދުނިޔޭގެ ގައުމުތަކުގެ އިތުބާރާއި ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެތްކެއް ކަމަށާއި ފާއިތުވި އެއް އަހަރު ބައިނަލްއަގުވާމީ ވަރުގަދަ ކިއްލާގެ އެންމެ އުސް ކުންނުގައި ވިހުރުވެމުން ދިޔައީ ފެއްސާއި ރަތާއި ހުދާއެކީ ފެނުމުން ދިވެހިން ސަލާން ކުރަމުންދާ ފަހުރުވެރި ގައުމީ ދިދަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އޭނާގެ ރިޔާސަތުގެ ދައުރަކީ "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދީ ރިޔާސަތެއް ކަމަށާއި އެ އުންމީދު މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.

"ދުނިޔޭގެ ގައުމުތައް އެއް އަޑަކުން ކިޔަމުން އެދަނީ ދިވެހި ރާއްޖެއިން މިގެނައި އުންމީދުގެ ސިއްރުން އުންމީދު އުފައްދައިފިޔެ މުޅިދޭހަށަ ރަމްޒުން. އިރު އޭގެ ޝުއާއަށް އިވުނޭ ބުނި އަޑު ސިއްރުން ދިރުވާށެ ހަވީރާ ހެނދުނާ ރީތި މިސާލުން،"
ޝާހިދު

އދ ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ޝާހިދު ހަވާލުވެވަޑައިގެންނެވީ ޖޫން 2021 ގަ އެވެ. ޝާހިދުގެ ދައުރު ފެށުނީ ސެޕްޓެމްބަރު 14 ގަ އެވެ. އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންނެވީ ރާއްޖެއިން އެމަގާމަށް ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ ދިވެއްސަކު އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.