ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ކުރިއަށްގެންދާ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރުމުގެ ވާހަކަ އެފަދަ ފަރާތްތަކުން އެ މަނިކުފާނަށް އަބަދުވެސް ހުށަހަޅާ ކަމަށާއި މިހާރު ދަފްރަތެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ދަފްތަރު އެކުލަވާ ނިމުމާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ކަމަށެވެ.

"މިހާރު ދަފުތަރެއް އެކުލަވާލުމުން ދަނީ. އެ ނިމުމާ އެކީގައި އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ ދަންނަވަން."
ރައީސް ސޯލިހު

ނިޒާމުތައް ހަރުދަނާކުރެވޭނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރުވެސް އޮވެގެންކަން ފާހަގަކުރައްވާ ރައީސް ވަނީ ކައުންސިލްތަކުގެ އެއްބާރުލުން އިޖުތިމާއީ ރައްކާތެރިކަން ގާއިމް ކުރުމުގައި ވީހާވެސް ބޮޑަކަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގައި 36000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅެމުންދާއިރު އެ ފަރާތްތަކަށް މިހާރު ދެމުން އަންނަނީ 2000 ރުފިޔާގެ އެލަވަންސްއެކެވެ. އަދި އެ އެލަވަންސް 5،000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންތަކެއް މަސައްކަތްކުރިއެވެ.