މި ދުވަސްވަރު ބޭރަށް ހިންގުމާއި ޑެންގޫ ފަދަ ބަލިތައް ފެތުރޭތީ ސަމާލުވުމަށް، އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އިދާރާ އިން ވަނީ، ބޭރަށް ހިންގުމާއި ޑެންގޫގެ އިތުރުން، އިތުރު ހަތަރު ބައްޔަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ ބަލިތަކަކީ:

  • ފާނަބަސަންދަ
  • ހުމާއި ރޯގާ
  • ލޮލު ރޯގާ
  • ހޭންޑް ފުޓް އެންޑް މައުތު

އެ ބަލިތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން މި ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު 268 މީހަކަށް ޑެންގޫ ހުން ޖެހިފައިވެއެވެ. ޖުލައި މަހު ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 322 މީހެކެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ތަފާސްހިސާބަށް ބަލާލާއިރު، ޖުލައި މަހަށް ވުރެ މިދިޔަ މަހު ބޭރަށް ހިންގައިގެން ރިޕޯޓުކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ. އެގޮތުން ބޭރަށް ހިންގުމުގެ 3،505 ކޭހެއް، އަދި ޖުލައި މަހު 3،103 ކޭހެއް ރިޕޯޓުކޮށްފައިވެއެވެ.

ހަމަ އެއާއެކު، މިދިޔަ މަހު 25،713 މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައިވާ ކަމަށާއި، ޖުލައި މަހު 27،553 މީހުންނަށް އަރިދަފުސް ރޯގާ ޖެހިފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.