މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށާއި މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތަކުގެ 79 ޕަސަންޓު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 519 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މައްސަލަ ހައްލުކުރުމަށް، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 22.9 މިލިއަން ރުފިޔާއަށެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.