ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް ބިލާހެއް ނޫންކަމުގެ ޔަގީންކަން އެންމެންނަށްވެސް ލިބިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 3 ވަނަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލުކަމަށެެވެ. ކުރިން ރަށްރަށުގައި މަޝްރުއޫތައް ހިންގީ މަރުކަޒީކޮށްކަން ކަމަށާއި ނަމަވެސް، މިސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫއެއްކަމުގައި ވިޔަސްއެއީ އެރަށަކަށްޓަކާ ކުރާކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް، ބިލާހެއް ނޫންކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.

މިކޮންފަރެންސް މިބޭއްވެނީ، ރާއްޖޭގެ އެންމެ ދެކުނަށް އަމާޒު ކުރެވިގެން ، ހައްދުންމަތީ ގަމުގަ. އުތުރުން ދެކުނަށް، މުޅި ރާއްޖެއޮތްދިގަށް ބެލިޔަސް، ވަރަށް ބޮޑު ތަފާތެއް މިހާރު ފެނޭ. ދިމާ ދޮރުމަތިން، ތިމާ ގޭހުރި މަގުން، އަމިއްލަ ރަށުން، އަތޮޅުން، އަދި މުޅި ރާއްޖެއިންވެސް މިހާރު މިދެންނެވި ބަދަލު ފެންނާނެ، އަތްލެވޭނެ، ބެލޭނެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުން ރަށްރަށުގެ ތަރައްގީއަށް މަސައްކަތްކުރާއިރު އެމަނިކުފާނު އެމަގާމުގައި ދެމިހުންނާނީވެސް، އެމަސައްކަތް މުޅިން ނިންމާ، ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް ކަމަށެވެ.

އެނޫން އެއްވެސް ބޭނުމެއް، އަމާޒެއް އަދި ތަސައްވުރެއް ނެތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ބައިވެރިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެ ދެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ހިމެނެއެވެ.

މީގެ އިތުރުން މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަަމަށް ރައީސް ރައީސް އޮފީހުން ބުނެއެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ.