ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި ހާއްސަ ކުޅިވަރު ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ބާއްވާފައި ވަނީ މިއަދު ހަވީރު، ލ. ގަން، ޒޯން ސްޓޭޑިއަމް އާއި އެ ރަށުގެ ގޮނޑުދޮށް ސަރަހައްދުގައެވެ.

މި ކުޅިވަރު ފެސްޓިވަލް ފަށްޓަވައި ދެއްވައި، މި ފެސްޓިވަލްގައި ކުރިއަށް ދިޔަ ކުޅިވަރު ހަރަކާތްތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ހަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެލްޖީއޭގެ މެންބަރުންނާއި، އައިއާރްއައިގެ އޮފިޝަލުންނާއި، ޔޫއެންޑީޕީގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި، ކައުންސިލްތަކުގެ މެންބަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި، ބީޗް ވޮލީއާއި، ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް މިފަހަރު ލ. ގަމުގައި ބާއްވާ އިރު، މި ކޮންފަރެންސްގައި ބައިވެރި ވަނީ، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގެ، ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.