ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ކައުންސިލަރުން މަޝްވަރާ ކުރައްވާ "ފަނޯއްލަ" ދަރުބާރު އިއްޔެ ލ. ގަމުގައި ފަށައިފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޔޫސްއެއިޑްގެ އިތުރުން ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ ފަނޯއްލަ ދަރުބާރު އިއްޔެ ފަށާފައިވާއިރު، މިއީ ދެ ދުވަހުގެ މުއްދަތަކަށް އޮންނަ ފަނޯއްލަ ދަރުބާރު ބާއްވާ ހަތަރުވަނަ ފަހަރެވެ.

މިފަހަރުގެ ފަނޯއްލަ ދަރުބާރުގައި ދ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުންގެ އިތުރުން، އެ ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނާއި، ކަމާ ގުޅުންހުރި ވުޒާރާތަކާއި އިދާރާތަކުން 250 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ.

އެލްޖީއޭ އިން ބުނީ ފަނޯއްލަ ދަރުބާރުގެ މަގްސަދަކީ ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގެ ސިޔާސަތުތަކާއި، ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ދަތިތައް ހައްލުކުރުމަށް ކަމާ ގުޅޭ ފަރާތްތަކަށް ހުށަހެޅުން ކަމަށެވެ. އެގޮތުން ފަނޯއްލަ ދަރުބާރުގައި އެއްބަސްވެވޭ ކަންކަން "ވިއަވަތި" ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދައުލަތުގެ ކަމާބެހޭ އިސްވެރިންނާ ހިއްސާކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ދެކުނުގެ ކައުންސިލަރުންނަށް އަމާޒުކޮށް މި އަހަރުގެ ދެވަނަ ވިއަވަތި ކޮންފަރެންސް ލ. ގަމުގައި މާދަމާ ފަށާނެއެވެ. ވިއަވަތި ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައިވަނީ ޑިސެމްބަރު 2019 ގައެވެ. އޭގެ ފަހުން ވިއަވަތި ކޮންފަރެންސްގެ ދެވަނަ ބައްދަލުވުން މެދުރާއްޖެތެރޭގެ ރަށްތަކާއި ސިޓީތަކުގެ ކައުންސިލްތަކަށާއި އަންހެނުންގެ ކޮމިޓީތަކަށް އަމާޒުކޮށް ބޭއްވީ މިދިޔަ މޭ މަހު، އއ. އުކުޅަހުގައެވެ.