ދުނިޔޭގެ އެތަން މިތާނގައި ފުރާނައަށް ނުރައްކާ އާންމު ބައްޔެއް ކަމަށް ވާ މެލޭރިއާ އާ ދެކޮޅަށް ޖަހާނެ އާ ވެކްސިނެއް ސައިންސް ވެރިން އުފައްދައިފިއެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ މި އުފެއްދުމުގެ ތަހުލީލު މަރުހލާތަކުގައި 80 ޕަސެންޓް ކާމިޔާބު ކަމަށް ސައިންސްވެރިން ބުނެއެވެ. އަންނަ އަހަރު ބާޒާރަށް ނެރެން މަސައްކަތް ކުރާ މި ވެކްސިނަކީ، އަގުހެޔޮ އާންމުކޮށް ލިބެން ހުންނަ ވެކްސިނަކަށް ހެދުމަށްޓަކައި އަހަރަކު 100 މިލިއަން ޑޯޒް އުފެއްދުމަށް މިހާރު އިންޑިއާގެ ސީރަމް އިންސްޓިއުޓާއެކު މަޝްވަރާ ކޮށް އެއްބަސްވެވިފައި ވާ ކަމަށެވެ.
މެލޭރިއާ އަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވާއިރު، މެލޭރިއާ ވަރަށް ހަށިގަނޑުގެ ތެރެއަށް ވަންނަ ގޮތާއި، ހަށިގަނޑުގެ ތެރޭގައި އެ ވައިރަސް ހަރަކާތްތެރިވާ ގޮތްތައް ދެނެ ގަނެ އެ ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާނެ ރަނގަޅު ވެކްސިނެއް އުފެއްދުމަށް ސައިންސްވެރިން ދިރާސާތައް ކުރާތާ 100 އަހަރަށް ވުރެވެސް ގިނަ ދުވަސް ވެއްޖެއެވެ.
ސައިންސްވެރިން ބުނާ ގޮތުން، އެ ވައިރަހަކީ އޭގެ މަސައްކަތް އެގޮތް މިގޮތަށް ބަދަލުވާ ވައިރަހެއް ކަމުން، ސީދާ ދިފާއެއް ދެނެގަތުމުގައި މިހާތަނަށް ދިމާވީ މުޅިންވެސް ގޮންޖެހުން ތަކެވެ.
މެލޭރިއާއަށް ދޭނެ ވެކްސިނެއް މިދިޔަ އަހަރުވެސް އުފެއްދިއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެ ވެކްސިނަށް ހުއްދަ ދީ، ބޭސް އުފައްދާ ޖީއެސްކޭ އާ ހަވާލު ކޮށް އެފްރިކާ ބައްރަށް ވެކްސިން ފޯރުކޮށްދިނެވެ.
އޮކްސްފޯޑުން ބުނާ ގޮތުން، އެމީހުން މި ތަރައްގީ ކުރި އާ ވެކްސިން މާ އިފެކްޓިވް (ކާމިޔާބު) އެވެ. އެގޮތުން ބުރްކީނާ ފާސޯގައި 409 ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ތަހުލީލު ތަކުގައި މެލޭރިއާ ވެކްސިންގެ 3 ޑޯޒެއް ފުރިހަމަ ކޮށް އަހަރު ދުވަސް ފަހުން ބޫސްޓޯ ޑޯޒެއް ޖެހި ކުދިންގެ ނަތީޖާއިން ދައްކާ ގޮތުން އެ ވެކްސިން 80 ޕަސެންޓް ކާމިޔާބެވެ. އަދި މިހާރުވެސް 4800 ކުއްޖަކު ބައިވެރިކޮށްގެން ތަހުލީލުތައް ކުރިއަށް ދާ ކަމަށާއި އޭގެ ނަތީޖާ މިއަހަރުގެ ނިޔަލަށް ލިބުމުގެ ކުރިން، ވެކްސިން އަށް ހުއްދަ ހޯދުމުގެ މަސައްކަތް ފެށުމަށްވެސް އޮކްސްފޯޑުން ދަނީ ތައްޔާރު ވަމުންނެވެ.
އާންމުކޮށް އެންމެނަށްވެސް މެލޭރިއާ ޖެހުމުގެ ފުރުސަތު އޮންނަ އިރު މެލޭރިއާ ޖެހިގެން އަހަރެއްގެ މައްޗަށް 400،000 ކުދިން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އަހަރަކު 229 މިލިއަން މީހުންނަށް މެލޭރިއާ ޖެހޭ ކަމަށާއި އޭގެ ތެރެއިން 94 ޕަސެންޓް ކޭސް ރިޕޯޓު ކުރަނީ އެފްރިކާއިން ކަމަށެވެ.