ދިވެހިރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާއަށް ބިދޭސީއަކު ޕޮޒިޓިވްވެއްޖެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން ބުނީ އެއީ އިމްޕޯޓެޑް ކޭސްއެއް ކަމަށާއި ގައިން ގަޔަށް ބަލި ފެތުރުމުގެ އެއްވެސް ރިސްކެއް ނެތް ކަމަށެވެ. އަދި މެލޭރިއާ ފަތުރާ މަދިރި ރާއްޖޭގައި ނޫޅޭ ކަމަށެވެ.

މީގެއިތުރުން އެޗްޕީއޭއިން ބުނީ މި ނޫނަސް އެހެން ގައުމުތަކުން އަންނަ ފަރާތްތަކުގެ ކިބައިން މެލޭރިއާގެ ކޭސްތައް ފެނިފައިވާ ކަމަށެވެ. އެއީ ވެކްސިން ފުރިހަމަ ނުކުރާ ގައުމުތަކުން އަންނަ ފަރާތްތައް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެެވެ.

ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ.

ރާއްޖެއިން މެލޭރިއާ ނައްތާލާ 2017ވަނަ އަހަރު ރާއްޖެއަށް ވަނީ މެލޭރިއާ ފްރީ ސެޓްފިކެޓާއި ލަގަބު ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ދީފައެވެ. އެއީ 1966 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރާއި ޑަބްލިއު އެޗް އޯ ގުޅިގެން ކުރަމުން އައި މަސައްކަތެކެވެ.