70 އަހަރު ދުވަހުގެ ދިގު ހަނގުރާމައަކަށް ފަހު، ޗައިނާއިން މެލޭރިއާ ނައްތާލާފައި ވާ ކަމުގެ ސަނަދު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެ ގައުމަށް ދީފިއެވެ.

މިއީ 1940ގެ އަހަރުތަކުގައި، އަހަރެއްގެ މައްޗަށް އެވަރޭޖުކޮށް 30 މިލިއަން ކޭސް ރިޕޯޓް ކުރަމުން ދިޔަ ޗައިނާއަށް ހާސިލުވި ބޮޑު ކާމިޔާބީއެއް ކަން ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.

އެތައް އަހަރެއްގެ މަސައްކަތުން ޗައިނާއިން މެލޭރިއާ ބަލި ނައްތާލެވިފައި ވާ ކަން ފާހަގަކުރައްވާ، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، ޗައިނާގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ. މި ކާމިޔާބީއަކީ، ގިނަ އަހަރުތަކަކަށް ދެމިގެންދިޔަ، ދެމެހެއްޓެނިވި ބުރަ މަސައްކަތުގެ ނަތީޖާ ކަން، ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ޗައިނާއަކީ، ފާއިތުވީ 30 އަހަރެއްހާ ދުވަހުގެ ތެރޭގައި، ހުޅަނގު ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، މެލޭރިއާ-ފްރީ ސެޓިފިކޭޝަން ހޯދި ފުރަތަމަ ގައުމެވެ. ހުޅަނގު ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، މެލޭރިއާ ނައްތާލި ކަމުގެ ސަނަދު ހޯދާފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ (1981)، ސިންގަޕޫރު (1982) އަދި ބްރޫނާއީ ދާރުއްސަލާމް (1987) ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓާ، ޑރ ޓަކޭޝީ ކަސާއީ ވިދާޅުވީ، ޗައިނާގެ މި ކާމިޔާބީއަކީ، ސިޔާސީ ފެންވަރުގައި ހިފި ވަރުގަދަ އަމާޒު ދައްކުވާދޭ ކަމެއް ކަމަށެވެ. އަދި ގައުމެއްގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ވަރުގަދަ ކޮށްގެން، އާންމު ސިއްހީ ބަލިމަޑުކަމެއްގެ ކަންބޮޑުވުމާއި ނުތަނަވަސްކަމުންވެސް އަރައިގަނެވިދާނެ ކަން، މިކަމުން އަންގައިދޭ ކަމަށް ޑރ ކަސާއީ ވަނީ ސިފަކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް، 40 ގައުމަކާ ޓެރިޓަރީއަކުން ވަނީ މެލޭރިއާ ނައްތާލިކަމުގެ ޑަބްލިއުއެޗްއޯ ސެޓިފިކޭޝަން ނުވަތަ ސަނަދު ހޯދާފައެވެ. ދެކުނު-އިރުމަތީ އޭޝިއާ ސަރަހައްދުން މި ސަނަދު ހާސިލުކޮށްފައި ވަނީ، 2 ގައުމަކުންނެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ ހިމެނޭއިރު، ދިވެހިރާއްޖެއިން މި ސަނަދު ކަށަވަރު ކުރީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2015 ވަނަ އަހަރުއެވެ.

މެލޭރިއާ ޖެހެނީ ޕްލަސްމޯޑިޔާއޭ ކިއާ ޕެރަސައިޓް ބާވަތުގެ ތެރޭގައި ހިމެނޭ ޕެރެސައިޓެއް މަދިރި ލޭބުއިމުގެ ތެރޭގައި އިންސާނާގެ ހަށިގަނޑަށް ވާސިލުވުމުންނެވެ.