މެލޭރިއާ ބަލިން ދިފާއުވުމަށް ދުނިޔޭގައި ތަރައްގީ ކޮށްފައި ވާ ފުރަތަމަ އަދި ހަމަ އެކަނި ވެކްސިން، ކުޑަކުދިންގެ ހަށިގަނޑުގައި ބޭނުން ކުރުމުގެ ހުއްދަ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފުރަތަމަ ފަހަރަށް ދީފިއެވެ.

މެލޭރިއާ ވެކްސިން، ކުޑަކުދިންގެ ހަށިގަނޑުގައި ބޭނުން ކުރުމުގެ ހުއްދަ، ޑަބްލިއުއެޗްއޯއިން އެންމެ ފުރަތަމަ ދީފައި ވަނީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދާއި، މެލޭރިއާ ފެތުރޭ މިންވަރު އިތުރު ވެފައިވާ ސަރަހައްދުގެ ގައުމުތަކަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، މި ހުއްދަ ދީފައި ވަނީ، ގާނާ، ކެންޏާ އަދި މަލާވީގައި ކުޑަކުދިންނަށް ވެކްސިން ފޯރުކޮށްދިނުމަށް ހިންގާ ޕައިލެޓް މަޝްރޫއެއްގެ ނަތީޖާތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

2019 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން، މިހާތަނަށް 8000000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ އާރްޓީއެސް،އެސް/އޭއެސްޒީރޯ ނުވަތަ "މޮސްކިރިކްސް" ވެކްސިން ޖަހާފައެވެ. މިހާތަނަށް ލިބިފައި ވާ މައުލޫމާތަށް ބަލާއިރު، މިއީ ރައްކާތެރި، ހަރަދުގެ ގޮތުން ބަލާއިރު ދެކޮޅު ޖެހޭ، ފަސޭހައިން ފޯރުކޮށްދެވޭ އަދި މެލޭރިއާ ބަލި ނުރައްކާ ވުމުގެ ފުރުސަތު 30 ޕަސެންޓް ކުޑަ ކޮށްދޭ ވެކްސިނެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މިއީ ތާރީހީ ވަގުތެއް ކަމަށެވެ. ކުޑަކުދިންނަށް މެލޭރިއާ ވެކްސިނެއް ލިބުމަކީ ސައެންސްގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ. މިހާރު ހުރި އާލާތްތަކުގެ މައްޗަށް، މި ވެކްސިން ބޭނުން ކުރަން ފެށުމުން، ކޮންމެ އަހަރަކުވެސް އެތައް ހާސް، ޅަ ފުރާނައެއް ސަލާމަތް ކުރެވިގެންދާނެ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހަށިގަނޑުގައި މެލޭރިއާ ވެކްސިން ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައި ވާއިރު، އުމުރުން 5 މަހުން ފެށިގެން 4 ޑޯޒްއެއްގެ ވެކްސިން ޖަހައިގެން ވެކްސިން ފުރިހަމަ ކުރުމަށް އެ ޖަމިއްޔާއިން ވަނީ ލަފާ ދީފައެވެ.

މެލޭރިއާއަކީ ޕްލަސްމޯޑިއާއޭ ކިއާ ޕެރަސައިޓެއްގެ ގުރޫޕަކުން ޖެހޭ ބައްޔެކެވެ. މިބަލި ފަތުރަނީ މަދިރީގެ ސަބަބުންނެވެ. މެލޭރިއާއަކީ ހޫނު ގައުމުތަކުގައި އުޅޭ މީހުންގެ މެދުގައި އާންމު ބައްޔެކެވެ. އަދި މެލޭރިޔާ އަކީ ފަގީރު ގައުމުތަކުގައި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޖެހިދާނެ ބައްޔެކެވެ. އަދި ކޮންމެ ޖިންސެއްގެ މީހުންނަށް ވެސް ޖެހިދާނެ ބައްޔެކެވެ. ވާރޭވެހި، ވިއްސާރަވާ ދުވަސްވަރު މަދިރި އިތުރުވުމުން މިފަދަ ބަލިތައް އާންމުވެގެން ދެއެވެ.

މި ބައްޔާ ދެކޮޅަށް ތަރައްގީ ކޮށްފައި ވާ ވެކްސިން މަސައްކަތް ކުރަނީ އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ވަންނަ ޕެރަސައިޓް ބޮޑުވެ، އިތުރުވިޔަ ނުދިނުމަށްޓަކައެވެ. ހަށިގަނޑަށް ވަންނަ ޕެރަސައިޓް ލޭގެ ތެރެއަށް ފެތުރިގަނެ، ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ، އެ ޕެރަސައިޓް ބޮޑުވެ، އަދަދު އިތުރުވާން ފަށާ ހިސާބުންނެވެ.

މެލޭރިއާ ވެކްސިނަކީ އެފްރިކާގެ ސައެންސްވެރިން، އެފްރިކާގައި އުފައްދާފައި ވާ ވެކްސިނެއް ކަން، ޑރ ޓެޑްރޯޒް ވަނީ ފަހްރާއެކު ފާހަގަ ކުރައްވާފައެވެ. އަދި ވެކްސިން ތަރައްގީ ކުރުމަށް ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި ގްލެކްސޯސްމިތުކްލައިން ކުންފުނިން ފޯރުކޮށްދިނމް އެހީ ތެރިކަމާ، މާލީ ގޮތުން އެހީ ފޯރުކޮށްދެމުން ދިޔަ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނަށްވެސް ޑރ ޓެޑްރޯޒް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މި ވެކްސިނަކީ މެލޭރިއާއާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ކަން ދެނެގަނެވުނީ މީގެ 6 ވަރަކަށް އަހަރު ކުރިންނެވެ.