އެފްރިކާ ބައްރުގައި އޮންނަ ހަނަފަސް ސަހަރާގެ ދެކުނަށް ފެތުރިފައިވާ ގައުމުތައް ނުވަތަ ސަބް-ސަހާރަން ގައުމުތަކުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވާ މީހުންނަށް ވުރެ، މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ އަދަދު މައްޗަށް އެރުން އެކަށީގެން ވާ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ކޮވިޑް-19ގެ މަރަށް ވުރެ، މަދިރީގެ ޒަރިއްޔާއިން ޖެހޭ މެލޭރިއާ ބަލީގައި، ސަބް-ސަހާރަން އެފްރިކާގެ ގައުމުތަކުން މީހުން މަރުވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޑަބްލިއުއެޗްއޯއިން އިންޒާރު ކޮށްފައި މިވަނީ، މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހިދުމަތްތަކަށް، ކޮވިޑް-19ގެ ހިޔަނި އެޅިގެން ކަން ފާހަގަ ކުރަމުންނެވެ.

ޑަބްލިއުއެޗްއޯއިން އެންމެ ފަހުން އާންމު ކުރި "ގްލޯބަލް މެލޭރިއާ ރިޕޯޓް 2020" ބުނާ ގޮތުގައި، މިދިޔަ އަހަރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން، މެލޭރިއާ ޖެހިގެން މަރުވި މީހުންގެ އަދަދު 409000 އަށް ވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ގިނައީ، އެފްރިކާގެ އެންމެ ފަގީރު ސަރަހައްދުތަކަށް ނިސްބަތްވާ ތުއްތު ކުދިންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޑަބްލިއުއެޗްއޯގެ މެލޭރިއާ މަޝްރޫއުގެ ޑައިރެކްޓާ، ޕެޑްރޯ އެލްސޯންސޯ ވިދާޅުވީ، ސަބް-ސަހާރަން އެފްރިކާގެ ގައުމުތަކުން މެލޭރިއާ ބަލީގައި އިތުރު، 20000-100000 ދެމެދު އަދަދެއްގެ ބަޔަކު މަރުވުން އެކަށީގެން ވާ ކަމަށެވެ.

2019 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުން، މެލޭރިއާގެ 229 މިލިއަން ކޭސް ރެކޯޑް ކުރި ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓްގައިވެއެވެ. މެލޭރިއާ ބައްޔާ ދެކޮޅަށް ގައުމުތަކުން މަސައްކަތްތަކެއް ކުރި ކަމުގައި ވީ ނަމަވެސް، މެލޭރިއާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާ ކުރެވުން އަދި އޮތީ މާ ދުރުގައި ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

މެލޭރިއާ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔަކަށް ވާ އިރު، ދުނިޔޭގެ އާބާދީގެ 2 ބައިކުޅަ 1 ބައި މީހުން ތިބީ، މި ބައްޔަށް ހުށަހެޅުމުގެ ނުރައްކަލުގައި ކަމަށްވެއެވެ. އަދި ކޮންމެ 2 މިނެޓަކުން ކުޑަކުއްޖެއް، މި ބަލީގައި މި ދުނިޔެ ދޫކުރާކަމަށް މައުލޫމާތު ލިބެއެވެ. މެލޭރިޔާ އަކީ ހޫނު ގައުމުތަކުގައި އުޅޭ މީހުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ.