ނޯތު ކޮރެއާ ނުވަތަ ކޮމިޔުނިސްޓް އުތުރު ކޮރެއާއިން، އެގައުމަކީ ނިއުކްލިއާ ބާރެއް ކަމަށް އަމިއްލަ އަށް ކަނޑައަޅާ އިއުލާން ކޮށްފިއެވެ.

ގާނޫނެއް ހަދާ، އެ ގާނޫނުގައި އެ ގައުމަކީ ނިއުކްލިއާ ބާރެއް ކަމަށް ކަނޑައެޅުމާއެކު އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ، އެއީ ބަދަލު ނުކުރެވޭނެ ނިންމުމެއް ކަމަށާއި، ނިއުކްލިއާ ހަތިޔާރު ނެތް ގައުމަކަށް ހަދަން ވާހަކަވެސް ނުދެއްކޭނެ ކަމަށެވެ.

އަދި ގައުމުގެ ދިފާއުގައި ބޭނުންވާ ކުޑަ މިންވަރަކަށް ނިއުކްލިއާ ހަމަލާއެއް ދިނުންވެސް އެ ގާނޫނުން އެގައުމަށް ހުއްދަ ކުރެއެވެ.

އުތުރު ކޮރެއާއަކީ، ނިއުކްލިއާ ހަތިޔާރު އުފައްދާ މައްސަލައިގައި އދ ގެ އިދާރާތަކާއި އެމެރިކާ ހިމެނޭހެން ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައި އޮންނަ ގައުމެކެވެ. ނަމަވެސް އެ ހާލަތުގައިވެސް 2006 އިން 2017 އާ ދެމެދު ނިއުުކްލިއާ ހަތިޔާރުގެ 6 ޓެސްޓެސް ކޮށްފައި ވެއެވެ.

މުރާސިލުން ބުނާ ގޮތުގައި، އދ އިން ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން، އުތުރު ކޮރެއާއިން ދަނީ އެގައުމުގެ އަސްކަރިއްޔާގެ ބާރު ގަދަކޮށް، ދުރު ރާސްތާގެ މިސައިލްތައްވެސް ތަރައްގީ ކުރަމުންނެވެ. އަދި މިކަމަކީ، އުތުރު ކޮރެއާ އާ ދުޝްމަން ހުރިހާ ގައުުމަކަށް އޮތް ނުރައްކަލެއް ކަމަށާއި، ހާއްސަކޮށް އެ ގައުމާ ކައިރީގައި އޮންނަ ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކަށް މީ ބޮޑު ނުރައްކަލެއް ކަމަށެވެ.

ކޮރެއާއަށް ދަތިރުކުރުމުގެ ފިޔަވަޅު އަޅާފައި އޮތް ނަމަވެސް ނިމިދިޔަ ޓްރަމްޕްގެ ވެރިކަމުގައި އޭނާ ވަނީ ދެކޮރެއާ ގުޅޭ ބޯޑަރަށް ވަޑައިގެން އުތުރު ކޮރެއާގެ ލީޑަރު ކިންގް ޖޮންގް އުން އާ ބަދައްލު ކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ. ނަމަވެސް ޓްރަމްޕްގެ ވެރިކަން ބަދަލު ދެން ވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރުން އެ މަޝްވަރާތައް އަދި ކުރިއަށް ނުގެންދިޔަ ނަމަވެސް، ކޮރެއާ އާއެކު މަޝްވަރާ ކުރަން ބޭނުންފުޅު ވާ ކަމަށް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް ތެރޭގައި ވެސް އެމެރިކާއިން ކޮރެއާއަށް އެހީވާން ހުށަހެޅި ނަމަވެސް ކޮރެއާއިން އެކަން ވަނީ ބޮލާލައި ޖަހާފައެވެ.

ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލަގައި އެމެރިކާ ބޭނުންވަނީ ވާހަކަ ދައްކައިގެން ހޯދޭ ހައްލަކާ އެކު ކޮރެއާގެ ނިއުކްލިއާ ބާރު ކަނޑުވާލާށެވެ. ނަމަވެސް ކޮރެއާއިން ބުނަނީ، އެ ގައުމު ވާހަކަ ދައްކަން ތައްޔާރަށް އޮތް އިރު އެ ގައުމު އޮތީ ކުރިމަތިލާން ޖެހިއްޖެ ނަމަ އެކަމަކަށްވެސް ތައްޔާރަށް ކަމަށެވެ.