އިނގިރޭސި ޝާހީ ރާނީ ކްއީމް އެލިޒަބަތްގެ ސިއްހީ ހާލުކޮޅު ގޯސްވެ ޑޮކްޓަރުންގެ ހާއްސަ ބެލުމުގެ ދަށުގައި އޮންނެވި ނަމަވެސް އެކަމަކާ "ކޮމްފޮޓަބަލް" ކަމަށް ބުނެފިއެވެ.

އާންމުކޮށް ޝާހީ އާއިލާގެ ބޭފުޅުންގެ ސިއްހީ މައްސަލަތަކުގެ ވާހަކަ އަކީ އާންމު ކުރާ ވާހަކަތަކެއް ނޫނެވެ. އެހެން ކަމުން، ރާނީގެ ހާލުކޮޅާ ގުޅޭ ގޮތުން މި ވާހަކަ އާންމު ވުމުން ގިނަ ބަޔަކު ކަންބޮޑުވަމުން ދާއިރު، ޝާހީ ހާންދާނުގައި ހިމެނޭ އެކި އެކި ބޭފުޅުންވެސް މިހާރު ގެންދަވަނީ ރާނީގެ އަރިހަށް ވަޑައިގަންނަވަމުންނެވެ.

ރާނީގެ ބޭފުޅުންނާއި އެބޭފުޅުންގެ ދަރިދަރި ކަލުންނާއި ކަނބަލުން ދިރިއުޅުއްވަނީ ލަންޑަނާއި ލަންޑަނުން ބޭރުގައެވެ.

ހަބަރުތައް ބުނާގޮތުން، އުމުރުފުޅުން 96 އަހަރުގެ ރާނީ މިވަގުތު އޮންނެވީ ބެލްމޯރަލް ގަނޑުވަރުގައެވެ.

ސިއްހީ ހާލުކޮޅު ގޯސްވެ މިދިޔަ އަހަރުގެ ފަހުކޮޅުވެސް ފަރުވާ ހޯއްދެވި ރާނީ މިފަހުން އާލާސްކަންފުޅާ އުޅުއްވާ ކަމުގެ ހަބަރުތައް ދޭތެރެ ދޭތެރެއިން ދިޔައީ ފެތުރެމުންނެވެ.

ރާނީ އެލިޒަބަތަކީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖު 1952 ވަނަ އަހަރު އަވަހާރަ ވުމުން ރަނިކަމާ ހަވާލުވެވަޑައިގެން އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފު އޮތް ރާނީއެވެ. އެކަމަނާ ރަނިކަމުަގއި ހުންނަވާތާ މިޙާރު 70 އަހަރު ވީއެވެ.

އިނގިރޭސި ދައުލަތް ހިނގާ ގޮތުން، ވެރިކަމުގެ ބާރުގެ ތެރޭގައި ނުވަތަ ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި ރަސްކަމުގެ ނުވަތަ ރަނިކަމުގެ އެއްވެސް ދައުރެއް ނޯވެއެވެ. އަދި ސިޔާސީ ކަންކަމުގައި ރަސްކަމުގެ ފަރާތުން ބައިވެރިވެ ނޫޅުނަސް، ބަކިންހަމް ޕެލަސް އިން ކަމަކާ މެދު ދެކޭ ގޮތެއް ހާމަ ކޮށްފި ނަމަ، އެކަމަކަށް އެގައުމުގައި އިހުތިރާމް ލިބިގެން ދެއެވެ.

ރާނީ އަވަހާރަ ވުމުން ދެން ރަސްކަމާ ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސްއެވެ.