ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ ސިފައިންގެ މީހަކަށް ވިޔަސް، އާންމު ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެކަން ފާހަގަކުރައްވާ އާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ހާލަތްތަކުގައި ރައްޔިތުންގެ ހިމާޔަތުގައި ސިފައިން ތިބެން ވާނެކަން ފާހަގަކުރައްވާފައެވެ.

ދިވެހިންގެ ފަހުރުވެރި ގައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، އަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަންކަމަށާއި މިއަދު ހުވާކުރި ސިފައިން އެމީހުން ފުރިހަމަކުރި ތަމްރީން ކޯހުން ލިބުނު އަސްކަރީ ހުނަރުގެ ހަގީގީ ބޭނުން ގައުމަށް ކުރާނީ އެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ އަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް ކަމަށް ފާހަގަކުރައްވާ ދިވެހި ސިފައިންވެސް މިދާއިރާއިން ވިސްނުން ގެންގުޅެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތަށް، ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވާކަމަށާ އަދި ތަފާތު ދާއިރާތަކުން ޢިލްމު ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުސަތުތައް ވެސް ދިވެހި އަސްކަރިއްޔާގައި ހުޅުވިފައިވާކަމުގައެވެ.

ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ސުލްހަ ދެމެހެއްޓުމަށްކަން ފާހަގަކުރައްވާ މިސަރަހައްދުގެ އަސްކަރިއްޔާތައް ވެސް އިސްކަންދެނީ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމަށްކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި އަސްކަރިއްޔާ ވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ގައުމުގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާޢުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަހައްދީ ހަމަޖެހުމާއި ސުލްހަޔަށްޓަކައި އެޅޭ ފިޔަވަޅެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނަށް ރަމްޒީގޮތުން ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ރަސްމިއްޔާތުގައި، 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސްފުރިހަމަކޮށް ހުވާކޮށްފައިވެއެވެ. މި ދަރިވަރުންނަށް ހުވާ ލައިދެއްވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ސުލައިމާން މުހައްމަދެވެ.