ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދުކުރައްވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭގޮތުން ރައީސްގެ ވިސްނުންފުޅު ހުންނެވީ، މެންބަރުންގެ އަދަދު ވަކި މިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
"އެހެން ނަމަވެސް 87 ގައި [މެންބަރުންގެ އަދަދު] ސީދާ ބަހައްޓާނީތޯ ނޫނީ ވަކި މިންވަރަކަށް އަދަދު ގެންދިއުމަށް ފަހު ކެޕެއް ކަނޑައަޅާނީތޯ، އެ ކަންތައްތަކަކީ ސިޔާސީ ޕާޓީތަކުންނާއި އަދި ހުރިހާ ފަރާތްތަކާ ދެމެދު މަޝްވަރާކުރެވިގެން އަންނަން ޖެހޭ ބަދަލެއް." މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވި ގޮތުގައި ޕާޓީތަކާއި މަޖިލިހުގެ އިތުރުން، އެކަމުގައި ޝާމިލްވާ ފަރާތްތަކާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހު، އެ ކަމާ މެދު ވަކި ގޮތެއް ނިންމާނެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލިހަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި މިހާތަނަށް ބޭއްވުނު ކޮންމެ އިންތިހާބެއްގައި ވެސް މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެކަމުގެ ސަބަބުން ރާއްޖެ އަށް އިގްތިސޯދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ދަތިތަކާ ކުރިމަތިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ
އެހެންކަމުން، މަޖިލިހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅައި ގާނޫނުއަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީވެ، ކޮންމެ އިންތިހާބެއްގައި ވެސް 87 މެންބަރުން އިންތިހާބުކުރުމަށް ހުށަހަޅަން ނިންމެވީ ކަމަށް، ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ކުރިން 2014 ވަނަ އަހަރު 85 މެންބަރުން އިންތިހާބުކުރިއެވެ. 2009 ވަނަ އަހަރު 17 ވަނަ މަޖިލިހަށް އިންތިހާބުކުރީ 77 މެންބަރުންނެވެ.