ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ކުޅުދުއްފުއްޓާއި އައްޑޫގައި އާސަންދަ ޑެސްކެއް ގާއިމުކޮށްފިއެވެ.
އެކަން ހާމަކުރައްވާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރަށުގައި ތިބެގެން އާސަންދައިގެ ހިދުމަތް ހޯދޭނެ ގޮތެއް ފަހިކޮށްދިނުމަށް ރަށްރަށުގެ ހޮސްޕިޓަލްތަކުންނާއި ކައުންސިލުތަކުން ވަރަށް ގިނައިން އެދޭ ކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ވެފައިވާ ވައުދެއް ކަމަށެވެ. އަދި އެ ހިދުމަތާއެކު ރައްޔިތުންނަށް ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާސަންދައިގެ ޑެސްކެއް ގާއިމުކޮށް ހޮސްޕިޓަލްތައް މެދުވެރިކޮށް އެ ޑެސްކުން ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައި ވާއިރު މިއުވާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއިން އެ ހިދުމަތް ލިބޭނެ ގޮތް މެދުވެރިވުން ކަމަށެވެ.
އާސަންދަ ހިދުމަތް ހޯދުމުގައި ބައެއް ފަހަރު ތަކުލީފުތަކާ ކުރިމަތިލާންވެސް ޖެހެއެވެ. އެހެންނަމަވެސް އެ ހިދުމަތުގެ ސަބަބުން ބޭސް ފަރުވާއަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތައް ކުޑަވެގެންދެއެވެ.
އާސަންދަ ޑެސްކެއްގެ ވާހަކަ ސަރުކާރުން މިއަދު ބުނި އިރު 2017 ގައި ވެސް ކުޅުދުއްފުށީގައި އާސަންދަ ހިދުމަތް ދޭ އޮފީހެއް ހުޅުވިއެވެ. ނަމަވެސް 2019 ގައި އެ އޮފީސް އުވާލި ނަމަވެސް އާސަންދަ ހިދުމަތް ލިބެމުން ދިޔައެވެ.