މަގުމައްޗަކީ އެންމެނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ، އެ ހިދުމަތަށް ހުށަހަޅާ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން، މަގުމަތީގައި އުޅޭއިރު ގޯނާކުރުމާއި ފޮށުން، ވަކިން ހާއްސަކޮށް އަންހެނުންނާ ފޮށުމާއި ގަޔަށް އަތްލުން ނުވަތަ ޖިންސީ ފުރައްސާރަކުރުން ފަދަ މައްސަަލަތައް ހުށަހަޅަމުން ދާ ކަމަށެވެ. މުޖުތަމައުގައި ހިމެނޭ ބައެއް ފަރުދުންގެ އަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސް ކަމުން މުޖުތަމައުގެ އެހެން ފަރުދުންނާއި މުޅި މުޖުތަމައު ސަލާމަތްކޮށް ދިނުމުގެ ގޮތުން، ވަކި ބާވަތެއްގެ އަމަލުތަކަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތަކެއްކަމުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގަނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން، މަގުހިނގާ މީހުންނަށް އުނދަގޫކުރުމާއި ބިރުދެއްކުމާއި ފޮށުން އަދި ގަޔަށް އަތްލުން ފަދަ އަމަލެއް މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން ނަމަވެސް ހިންގައިފި ނަމަ، އެ އަމަލު ހިންގި މީހަކު ނުވަތަ ބަޔަކާ މެދު، އާންމު އިޖުތިމާއި މިންގަނޑާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގަނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މަގުމަތީގައި ނުވަތަ އެހެންތަނެއްގައި އުޅޭއިރު ވެސް ތިމާ އަދި ތިމާގެ އާއިލާގެ މީހަކަށް ވެސް އެހެން މީހެއްގެ ފަރާތުން ގޯނާއެއް ލިބި ނުވަތަ އުނދަގުލެއް ފޯރާކަށް އެއްވެސް މީހަކު ނޭދޭނެ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މަގުތަކަތަކީ އެންމެނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށް ފުލުހުން ބުނެއެވެ.

މަގުމަތިން ނުވަތަ އެހެންތާކުން ނަމަވެސް ކުރިމަތިވާ މިފަދަ ކަންކަން ސިއްރު ނުކުރުމަށާއި މީސް މީޑިއާގައި އާންމު ކުރި ކަމުގައި ވިޔަސް އެކަން ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ގޯނާ ނުވަތަ ފުރައްސާރަ ކުރި މީހާ ހުރި ސަރަހައްދު، މީހާގެ ސިފަ، ލައިގެން ހުރި އަންނައުނުގެ ކުލަ ފަދަ މައުލޫމާތު ފުލުހުންނާ ހިއްސާކޮށް ދިނުމަކީ މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހަކަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޮޑު އެހީތެރިކަމަކަށް ވާނެ ކަމެއް ކަމަސް ފުލުހުން ބުނެއެވެ. އަދި އެއީ އެ މީހާ ނުވަތަ އެ ބަޔަކު ހޯދައި، މައްސަލަ ތަހުގީގު ކުރުމުގައި ވެސް ފުލުހުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

މައްސަލަ ނުވަަތަ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން ނަންބަރު 119، 3322111 ނުވަތަ އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ބަލަމުންދާނެ މައްސަލަތައް ކަމަށް ވެސް ފުލުހުން ބުނެއެވެ.