މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި އޭނާގެ ބޭންކް ސްޓޭޓްމަންޓް ބޭނުންކުރާތީ އެ މައްސަލަ ސްޕްރީމްކޯޓަށް ހުށައަޅައިފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައި ކޯޓުން ނިންމީ ހެކި ހޯދަން ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ގާނޫނާ ހިލާފަށް ކަމަށް އެނގެން ނެތް ކަމަށެވެ.

ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފްކުރަން ޕެސްޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި ހަފުތާ ތެރޭގައެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމައެވެ.