ކެނެޑާގައި މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލުއާންމެއްގައި ވަޅިން ހަމަލާ ދީ 10 މީހަކު މަރާލުމުގެ ތުހުމަތު ވާ އެކަކު ހައްޔަރު ކުރިތަނުން މަރުވެއްޖެއެވެ.
ކެނެޑާގެ ފުލުހުން ބުނީ، މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ތައްޔާރު ވަމުން ދާ ކަމަށާއި އޭނާ މަރުވީ، ފިލަން ދަނިކޮށް އަތުލައި ހައްޔަރު ކުރި ފަހުން ފުލުހުންގެ ބަންދުގައި ހުއްޓާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ތަނުން ކަމަށެވެ. މަރުވި ސަބަބު ނޭނގުނު ނަމަވެސް ބައެއް ހަބަރުތަކުގައި ބުނެފައި ވަނީ އޭނާ ފިލަން ދުއްވި ވެހިކަލް ފުލުހުން ހުއްޓުވި އިރު އޭނާ އަށް އަނިޔާތަކެއް ލިބިފައި ވާކަމަށާއި، މަރުވީ އެ އަނިޔާތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުންނަށް މައިލްސް އެންޑަސަން 31އ އަތުވީ، ހުދުކުލައިގެ އެސްޔޫވީއެއް ވަގަށް ނަގައިގެން ފިލަން ދުއްވަނިކޮށް ސަސްކަޗެވަންގެ ރޮސްތާން އަވަށުގެ ހައިވޭއަކުންނެވެ. ފުލުހުންނަށް އޭނާ ފެނުމާއެކު، ވަރުގަދަ ޗޭސް (ފަހާ ދުއްވުން) އެއް ކުރަމުން ގޮސް އޭނާ ދުއްވި ވެހިކަލް ހައިވޭގެ އަރިމަތިން އަޑިގަނޑަކަށް ވައްދާ ތާށި ކޮށްލުވައިގެންނެވެ.
ފުލުހުން ބުނީ، އޭނާ އަތުލި އިރު ކަރު ދުއްވަމުން ދިޔައީ ގަޑިއަކު 150 ކިލޯމީޓަރުގެ ބާރު މިނުގައި ކަމަށާއި، އޭނާ އަތުވި އިރު ދުއްވި ވެހިކަލްގެ ތެރެއިން ވަޅިއެއް ފެނިފައި ވާ ކަމަށެވެ.
2000 އެއްހާ މީހުންގެ އާބާދީއެއް ނިސްބަތްވާ ސަސްކެޗެވަންގެ ޖޭމްސް ސްމިތް ޕްރޮވިސްގައި ހިނގި ގަތުލުއާންމާ ގުޅިގެން އެ ސަރަހައްދުގައި ކުއްލި ހާލަތު ވެސް އިއުލާން ކުރިއެވެ. އަދި ހަމަލާ ދިނުމުގައި އުޅުނު ދެމީހުންގެ މައުލޫމާތު އެ ސަރަހައްދުގެ އެންމެންގެ ފޯނުތަކަށް ފުލުހުން ފޮނުވައި އެންމެން އެލާޓް ކުރިއެވެ. އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށާއި ތުހުމަތު ކުރެވޭ މީހުން ފެނިއްޖެނަމަ އަންގަން ބުންޏެވެ.
10 މީހަކު މަރާލައި 15 މީހަކު ޒަހަމްކޮށްލި އެ ހާދިސާގައި ތުހުމަތު ކުރެވޭ 2 މީހުންގެ ތެރެއިން އަތުލި މީހާ ހައިވޭއަށް އެރިކަން ރިޕޯޓު ކުރީވެސް އާންމުންގެ މީހެކެވެ.
އާންމުންގެވެސް އެހީތެރިކަމާއެކު ފުލުހުން އެކަކު އަތުލި އިރު ދެވަނަ މީހާ އަދި ނުފެނެއެވެ.
މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 10 މީހަކު އަދިވެސް ހޮސްޕިޓަލުގައި ތިބި އިރު 3 މީހެއްގެ ހާލު ސީރިއަސް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.