އާސަންދައިން ހޯދާ ހިދުމަތްތަކަށް މިހާރު ބަރާބަރަށް ނޮޓިފިކޭޝަން މެސެޖް ލިބޭ އިރު، ނުހޯދާ ހިދުމަތަކާ ގުޅޭ ގޮތުން އެފަދަ މެސެޖެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެ މައްސަލަ ރިޕޯޓް ކުރުމަށް އާސަންދަ އިން އެދިއްޖެއެވެ.

އާސަންދަ އިން ބުނީ، އާސަންދަ ސްކީމްގެ ތެރެއިން ކޮންމެ މީހަކުވެސް ހިދުމަތް ހޯދުމުން އެމީޙެްގެ ފޮނަށް ނޮޓިފިކޭޝަން މެސެޖެއް ލިބޭނެ ކަމަށެވެ. އެ މެސެޖް ފޮނުވުމުގެ މައިގަނޑު މަގްސަދަކީ އާސަންދަ ސްކީމްގެ ތެރެއިން ނުހޯދާ ހިދުމަތްތަކަށް ބިލް ކުރުން ހުއްޓުވުން ކަމަށެވެ.

އެހެންކަމުން އެފަދަ މައްސަލައެއް ފާހަގަ ކުރެވޭ ނަމަ ރިޕޯޓް ކުރުމަށް އާސަންދައިން ބުނެއެވެ. އެ ގޮތުން ތިން ގޮތަކަށް މައްސަލަ ރިޕޯޓް ކުރެވިދާނެ ކަމަށާއި އެއީ އާސަންދަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އާސަންދަ ސޯޝަލް މީޑިއާ ޕްލެތްފޯމް ތަކުން މެސެޖްގެ ޒަރިއްޔާއިން ނުވަތަ 7951400 މޯބައިލް ނަންބަރަށް، ވައިބާ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މެސެޖް ފޮނުވައިގެންނެވެ.

މައްސަލ ރިޕޯޓް ކުރާ އިރު އެމީޙަކު ހޯދާ ހިދުމަތެއްގެ މެސެޖު ނާންނަ ނަމަވެސް ރިޕޯޓް ކުރެވޭނެއެވެ. އަދި އެހެން މީހަކު ހޯދާ ހިދުމަތެއްގެ މެސެޖް ލިބޭ ނަމަވެސް ރިޕޯޓް ކުރުމަށް އާސަންދައިން ބުނެއެވެ.