100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. ކުޑަރިކިލު އަށް މިއަދު ތައާރަފް ކޮށްފިއެވެ.
އުރީދޫން ބުނީ ކުޑަރިކިލުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބާ ސުޕާނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ ކަމަށެވެ. އަދި އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ގަތަރުގައި ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯ ގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ، އިންޓަނެޓަކީ މިހާރު އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށާއި ދިރިއުޅުން އިތުރަށް މުއްސަނދިކުރުމަށް ވެސް އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ. އެހެން ކަމުން މިއަދު ކުޑަރިކުލުގެ ރައްޔިތުންނަށް ފައިބާ ސުޕަނެޓް ފޯރުކޮށްދީ އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން ބުނީ، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ. މި ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
މީގެ އިތުރުން ސުޕާނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، ކުޑަރިކުލުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށެވެ.