ރީޖަނަލް އެއާޕޯޓުގެ ކުރީގެ ޑިރެކްޓަރު ސައުދުﷲ އަހްމަދު، ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފިއެވެ.

ސައުދުﷲ އެންމެ ފުރަތަމަ އަދާކުރެއްވީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޗެއާމަންގެ މަގާމެވެ.

ނަމަވެސް، އެ ކުންފުނި އުވާލުމުން ދެން އޭނާ އައްޔަނު ކުރެއްވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް ސައުދުﷲ މިއަދު ހަމަޖެއްސުމުން، އޭނާ އާ އެކު އެ މަގާމުގައި ހަތަރު ބޭފުޅުން ތިއްބަވައެވެ. އެއީ ޝިމާޒް އަލީ އާއި އަބްދުލްޣަނީގެ އިތުރުން ހިދާޔާ ނަސީރެވެ.