ދީނީ ހަރުކަށި ފިކުރުގެ ގައިދީންނަށް ތަރުބަވީ ޕްރޮގްރާމްތައް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ޔުނިޓެއް މާފުށި ޖަލުގައި ހަދަން ތައްޔާރުވަމުންދާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖަލުގެ ހާލަތު ދެނެގަތުމަށްޓަކައި މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރާއި ޓްރާސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ކުރި ދިރާސާ ރިޕޯޓަކުން ހާމަވި ގޮތުގައި، މާފުށި ޖަލުގައި ތިބޭ ގައިދީންގެ މެދުގައި ހަރުކަށި ފިކުރު ފެތުރުމުގައި ބައެއް ގައިދީން އިސްކޮށް ހަރަކާތްތެރިވަމުން ދާއިރު، އެ ފިކުރަށް ވަންނަ ގައިދީންނަށް ވެސް ދަނީ ފަންޑު ކުރެވެމުންނެވެ.

ކަރެކްޝަންސް އަށް 51 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ހަފްލާގައި، އެ ދިރާސާ ރިޕޯޓާ ހަވާލާދީ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ރިޕޯޓުން ފާހަގަވި ގޮތުގައި ގައިދީން މިއަދު ތިބީ ދީނީ ހަރުކަށި ފިކުރުގައި ގައިދީން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރުގައި ޖެހިފައެވެ. އަދި މަސްތުވާތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާ ގައިދީންގެ ނުފޫޒު ވެސް ޖަލުގައި އެބައޮތް ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ ހަމައެކަނި ޖަލުގައެއް ނޫން، މުޅި މުޖުތަމައުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ، އެ ދިރާސާގެ ސަބަބުން، ޖަލުތަކުގައި ތިބި ގައިދީންގެ ކަންކަން ހަރުދަނާކޮށް، ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތައް ހުރިކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ހަމަ އެއާއެކު، ދީނި ހަރުކަށި ފިކުރުގެ މީހުން ހައްޔަރުކުރުމަކީ އެ މައްސަލައަށް އޮތް އެކަނި ހައްލުނޫން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރުގެ ގައިދީން ރަނގަޅު ކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ.

"އެކަމަށްޓަކައި، 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމްކޮށް، އެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން." ރައީސް ވިދާޅުވިއެވެ.