ޖަލުގައި އެއްވެސް ގައިދީއަކަށް އަނިޔާކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 51 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ، ޖަލުތަކުގައި ނުރައްކާތެރި ގައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ. އަދި އެމަސައްކަތް ކުރަން ތިއްބެވި އޮފިސަރުންނަކީ ވަރަށް ކެތްތެރި ގާބިލް އިހުލާސްތެރި ބައެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އެމީހުން ކުރަނީ ވަރަށްބޮޑު ގައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ, އޮފިސަރުންނާއި, އޮފިސަރުންގެ އާއިލާތަކަށް އިމްރާން ޝުކުރު އަދާކުރެއްވިއެވެ. އިމްރާން ވަނީ އޮފިސަރުން އިތުރަށް ކެތްތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
އިމްރާން ވިދާޅުވީ، އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށާއި, އެއްވެސް އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ގައިދީއަކަށް އަނިޔާކޮށްގެން ނުވާނެ ކަމަށެވެ. އެމީހުންނާ މުއާމަލާތްކުރަންވާނީ އޯގާވެރިކަމާއި ރަހުމާއެކުކަން ތަކުރާރުކޮށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމް ރިފޯމްކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދެއް ކަމަށާއި, އެވައުދު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ޖަލުތަކަކީ ގައިދީންނަށް އަނިޔާކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތްތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ވަނީ އެކަން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލާފައި ކަމަށެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގައި ގައިދީއަކަށް ގަސްތުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެ ކަމަށާއި, އެކަން ހުރިހާ އޮފިސަރުންނަށް އެނގޭނެކަމަށް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓް ކުރުންކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ރިހިބިލިޓޭޝަން މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ރިހިބިލިޓޭޝަންގެ މަސައްކަތަށް އަހުލުވެރިވެފައި ތިބި އޮފިސަރުން އުފެއްދުން ކަމަށާއި, އެކަމަށް ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމަށެވެ. އެކަމަށް ދައުލަތުން ވަރަށްބޮޑު ހޭދައެއް ކޮށް، މަގުފަހިކޮށްދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19އިގެ ދަތިކަމާއެކު, ގޮންޖެހުންތައް ބޮޑުކަމުން އެކަމުގައި ކުރަންޖެހޭވަރާ ގާތަށް މަސައްކަތް ނުކުރެވުނު ނަމަވެސް ދަތިތަކާއެކުވެސް މިދިޔަ ތިން އަހަރާއި, ބައިގެ ތެރޭގައި ގާތްގަނޑަކަށް 250 އެއްހާ ޖާގަ ޖަލުތަކުގައި އިތުރުކޮށް، ހުޅުމާލެ ޖަލުގެ މަސައްކަތް މިއަހަރު ފެށުމަށް އުއްމީދުކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ހުޅުމާލެ ޖަލު ކޮމްޕްލެކްސް ވެގެންދާނީ ރާއްޖޭގެ ޖަލުގެ ނިޒާމަށް ނުވަތަ ތާރީހަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ޕްރޮޖެކްޓަކަށް ކަމަށް އިމްރާން ވަނީ ފާހަގަކުރެއްވާފައެވެ.
އިމްރާން ވިދާޅުވީ، ގައިދީން ބެލެހެއްޓޭ ވަރަށް އެކަށީގެންވާ މިންވަރަށް އޮފިސަރުން ނެތުން އެއީ އޮތް ގޮންޖެހުމެއް ކަމަށެވެ. އެކަމަކު ކޮވިޑްގެ ދަތިކަމާއި, އިޤްތިސާދީ ދަތިކަމާއެކު ވެސް, ބަޖެޓްގައި ހިމެނިފައި ނެތި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ ދަށުން 150 އޮފިސަރުން އަލަށް ނެގުމަށް ފުރުސަތު ހޯއްދަވައި ދެއްވި ކަމަށެވެ. އަދި އޭގެތެރެއިން ގާތްގަނޑަކަށް 120 އޮފިސަރުން ރެކްރޫޓްކޮށްފައިވާ ކަމަށާއި, އެއޮފިސަރުންނަށް ފުރިހަމައަށް ތަމްރީނު ދެވުމުން މިހާރު މިއޮތް ދަތިކަމަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށްބޮޑު ލުޔެއް ފަސޭހައެއް ލިބިގެންދާނެކަމެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.
އިމްރާން ވަނީ ކަރެކްޝަނަލް ސާވިސްގެ މިހިދުމަތުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. 51 އަހަރު ފުރުމަށް ބޭއްވި ހަފްލާއިންވެސް އެކަން ހާމަވެގެން ގޮސްފި ކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެކި ދުވަސްވަރު ހިދުމަތްކޮށްދެއްވި ބޭފުޅުންނަށް ވެސް އިމްރާން ޝުކުރު އަދާކުރެއްވިއެވެ.