ވެރިކަމުން ފައިބާ ވަޑައިގެންނެވި އިރު، ޓްރަމްޕް ގެންދެވި ލިޔެކިޔުން ތަކުގެ ތެރޭގައި ނިއުކްލިއާ ބާރު ލިބިފައިވާ އެހެން ގައުމުތަކުގެ އަސްކަރިއްޔާ އާ ބެހޭ ސިއްރު މައުލޫމާތާއި ނިއުކްލިއާ ގާބިލުކަން ހުރި ގޮތުގެ މައުލޫމާތުވެސް ހިމެނޭ ކަން ހާމަވެއްޖެއެވެ.

ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓް ، އެމެރިކާގެ އެފްބީއައި އިން ރެއިޑްކޮށް ގެންދިޔަ 11،000 ޑޮކިޔުމެންޓާއި ފޮޓޯތަކާ ގުޅޭ މައުލޫމާތެއް ހާމަ ކުރަމުން ވޮޝިންޓަން ޕޯސްޓްގައި ބުނީ، އެ ލިޔެކިޔުންތަކުގެ ތެރޭގައި ސިއްރު އެތައް މައުލޫމާތެއް ހިމެނޭ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ތަކަކީ ކޮން ގައުމެއްގެ މައުލޫމާތެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެ ނޫހުން ބުނެފައި ވާ ގޮތުގައި، އެ ލިޔެކިޔުންތަކުގެ އިތުރުން، އެމެރިކާގެ އޮފިޝަލުން ހާއްސަ ހުއްދައެއް ދޭން ޖެހޭ ގޮތަށް ހިންގާ "ޓޮޕް ސީކްރެޓް" ޕްރޮޖެކްޓްތަކުގެ މައުލޫމާތުވެސް ހިމެނެއެވެ. އަދި އޭގެ ތެރެއިން ބައެއް ލިޔެކިޔުންތަކަކީ މިހާރު އޮތް ބައިޑަންގެ ސަރުކާރުގެ އެންމެ އިސް އޮފިޝަލުންނަށްވެސް ބެލަން ހުއްދަ ނޯންނަވަރުގެ ސިއްރު ލިޔެކިޔުންތައް ކަމަށްވެސް ބުނެފައިވެއެވެ.

ޓްރަމްޕް ފޮވުވައިގެން ގެންގުޅުއްވި ލިޔެކިޔުންތަކުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްވާ ވާ ލިޔެކިޔުންތައް ހުރުމާއެކު ހާއްސަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް ޑައިރެކްޓާ އޭވްރިލް ހައިނެސް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޖެނުއަރީގައި ޓްރަމްޕް ވައިޓްހައުސް އިން ނިކުމެވަޑައިގެންނެވި އިރު ގެންދިޔަ ލިޔެކިޔުންތައް އޭނާގެ އަމިއަލް ރިސޯޓްގައި ފޮނުވާފައި ބެހެއްޓެވި މައްސަލަ އެފްބީއައި އިން މިހާރުވެސް ތަހުގީގު ކުރަމުން ދާއިރު ޓްރަމްޕްގެ ޓީމުން ބުނެފައި ވަނީ އެމީހުން އެއްވެސް ގޯސްކަމެއް ނުކުރާކަމަށެވެ.

މި މައްސަލައިގައި ޖިނާއީ ތަހުގީގު ހިނަމުން ދާއިރު ޓްރަމްޕްގެ ފަރާތުން އެދުނު ގޮތަށް، އެ ލިޔެކިޔުންތައް ބެލުމަށް މިނިވަން މުސްތަގިއްލު ފަރާތެއް އައްޔަން ކުރުމަށް އެމެރިކާގެ ފެޑެރަލް ކޯޓުން ވަނީ ހުއްދަ ދީފައެވެ.