ބާމިންހަމްގައި ދިރިއުޅޭ މަންމަ އަކަށް އޭނާގެ ދަރިފުޅާ، 50 އަހަރު ފަހުން ބައްދަލުވެއްޖެއެވެ.
ހޭޒަލް ޗިކް ވަނީ މީގެ 52 އަހަރު ކުރިން މޮރޮކޯ ފިރިހެނަކާ ކައިވެނިކޮށްފައެވެ. އަދި އެ ކައިވެންޏަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅު އޭނާގެ ފިރިމީހާ ވަނީ ހޭޒަލް އަތުން ޖަހައިގަނެގެން މޮރޮކޯ އަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ ދައްތަ އަށް ދީފައެވެ. މި ފިރިހެން މީހާ އޭނާގެ ދަރި އޭނާގެ ދައްތަ އަށް ދިނީ ދައްތަ އަށް ކުދިން ނުލިބޭތީއެވެ.
ދަރިފުޅަށް އެންމެ 18 މަހުގައި ހޭޒަލް އަތުން ދަރިފުޅު އަތުލައިގެން ދިޔުމުން އޭނާ ޑިޕްރެޝަނަށް ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެތަކެއް ރޭ އޭނާއަށް ނުނިދި ދަރިފުޅު ހޯދަން ކުރި މަސައްކަތްވެސް ބޭކާރުވި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ޕާކިންސަން ޑިޒީޒްގެ ޝިކާރައަކަށް ވެފައިވާ ހޭޒަލް ބުނީ ފިރިމީހާ ދަރިފުޅު ގޮވައިގެން މޮރޮކޯ އަށް ދިޔައީ އާއިލާގެ މީހުންނަށް ދަރިފުޅު ދައްކާލުމަށް ކަމަށް ބުނެއެވެ.
ޔޫކޭގައި ދައްކާ ޓީވީ ޕްރޮގްރާމް "ލޯންގް ލޮސްޓް ފެމެލީ"ގެ ޕްރޮގްރާމުން ހޭޒަލް އަށް ވަނީ އޭނާގެ ދަރިފުޅު ސަނާއީ 50 އަހަރު ފަހުން ބައްދަލުވެފައެވެ. އެ ޝޯގައި ދެމައިން ގިނަ ވާހަކަތަކެއް ހިއްސާކުރި އިރު ސެނާއީ ބުނީ އޭނާ ބަލައި ބޮޑު ކުރީ އަސްލު މަންމަ އާއި ބައްޕަ ނޫންކަން ވެސް އެނގުނީ އޭނާގެ އުމުރުން 30 އަހަރުވީ ފަހުން ކަމަށެވެ. ސަނާއީ ބުނީ އޭނާގެ ޗައިލްހުޑް އެހާ އުފާވެރި ނޫންކަމަށާއި އުމުރުން އެންމެ 11 އަހަރުގައި ސްކޫލުން ވަކިވާން، އޭނާ ބެލި މީހުން މަޖުބޫރުކުރި ކަމަށެވެ. އަދި މީހަކާ ކައިވެނިކުރަން ދެން ގޭގައި ކިޔެވުމަށް މަޖުބޫރު ކުރި ކަމަށެވެ.
ސެނާއީ ބުނީ އޭނާގެ އުމުރުން އެންމެ 19 އަހަރުގައި މީހާކާ ދެވުމަށް ފަހު ގެއިން ނެރެލި ކަމަށާއި އޭނާގެ ފިރިމީހާ ވެސް ވީ ވަރަށް އަނިޔާކުރާ މީހަކަށް ކަމަށެވެ.
"އަހަރެން ބަލައި ބޮޑު ކުރީ އަސްލު މަންމަ ނޫންކަން އެނގުމުން އަހަރެން ވަރަށް ބޭނުންވި އަހަރެންގެ މަންމަ އާއި މަރުވުމުގެ ކުރިން ބައްދަލުވާން،" އޭނާ ބުންޏެވެ.
ސެނާއީ ބުނީ އޭނާ ބެލި މީހުންނަކީ ވަރަށް ރުޅިގަދަ ބައެއް ކަމަށާއި އަދި އޭނާ ގެންގުޅުނީ ވަރަށް ހިފަހައްޓައިގެން ކަމަށެވެ. އޭނާ ބުނީ އަސްލު މަންމަ ހޯދަން އޭނާ 20 އަހަރު ކުރިން މަސައްކަތް ފެށި ކަމަށާއި މިއަދު އޭނާގެ މަންމަ އާ ބައްދަލުވުމުން ވަރަށް އުފާވި ކަމަށެވެ.