ވ. އާރަށް ކުއްޔަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދެއްވާފައި ވާނެ ކަމަށް ފެލިދޫ ދާއިރާގެ ކުރީގެ ޔޫސުފް ނައީމް ވިދާޅުވި ކަމަށާއި، އެ މުއާމަލާތް ހިންގީ ޔާމީން އަންގަވައިގެން ކަމަށް، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގައި އެ ދެ ބޭފުޅުންނާ ދެކޮޅަށް ހެކިބަސް ދެއްވަމުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ހަވާލާ ދެއްވައި ޒިޔަތު ވިދާޅުވީ، ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދިނުމަށް ޔާމީން އެދިވަޑައިގަތް ކަމަށާއި، އެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް އަދީބުގެ އަރިހުގައި ޔާމީން އެދިވަޑައިގަތް ކަމަށެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި، އަދީބާ މަޝްވަރާ ކުރެއްވުމަށް ފަހު، އާރަށް ކުއްޔަށް ދިނުމަށް ނިންމީ ފަސް މިލިއަން ޑޮލަރަށެވެ. ނަމަވެސް ޔާމީން އަންގަވައިގެން ތިން މިލިއަން ޑޮލަރަށް ކުޑަކޮށް އެއްބަސްވުމުގައި ސޮއިކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން ސެޕްޓެމްބަރު 9، 2015 ގައި ޒިޔަތުގެ އޮފީހުގައި ޔޫސުފް ނައީމާ ބައްދަލުކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

"ޔޫސުފް ނައީމް ދެންނެވި އަޅުގަނޑާއި އަދީބު ކައިރީގައި މި އެގްރީމެންޓް ކަންތައް ނިންމާލެވުނީމަ ރައީސް ޔާމީން ވަރަށް ހިތްހަމަ ޖެހޭނެ ކަމަށް. އެއީ އެއް މިލިއަން ޑޮލަރު ރަައީސް ޔާމީނަށް ދީފައިވާނެ ކަމަށް," ޒިޔަތު ވިދާޅުވިއެވެ.

އެ މައްސަލައިގައި އަދީބުގެ ހެކިބަސް މިހާރު ނަގަމުން ދާއިރު، ޒިޔަތާއި އަދީބުގެ ހެކިބަސް ނެގުން އޮންނާނީ ވަކިންނެވެ.