މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށި ފުރަތަމަ ދުވަހު އެކަނިވެސް 2000 އަށްވުރެ ގިނަ މީހުން ބަހުގައި ދަތުރުކުރި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އިއްޔެ ޖުމުލަ 2،257 މީހުން މިނީ ބަހުން ދަތުރު ކުރި ކަމަށެވެ.
މިގޮތުން އޯކިޑް ރޫޓުން 621 މީހުން ދަތުރުކޮށްފައި ވާއިރު އަމީނީ ރޫޓުން 882 މީހުން އަދި ސޯސަން ރޫޓުން 754 މީހުން ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ބަސް ދަތުރުތައް ފެށުމުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާ ކަން އުފަލާ އެކުގައި ފާހަގަ ކުރައްވާ ކަމަށެވެ.
މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.
މިނީ ބަސްތައް ދަތުރުކުރާނީ 3 ރޫޓަކުންނެވެ. އެއީ:
- އެއީ މަޖީދީ ރޫޓް، އަމީނީ ރޫޓް އަދި ސޯސަން ރޫޓެވެ.
- އަމީނީ ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. ސޯސަން ރޫޓް އަދި މަޖީދީ ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.
މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރު ކުރާނެއެވެ. އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އާކޮށް، ޓްރެފިކް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.
އިއްޔެ ފަތިހު މިނީ ބަހުގެ ހިދުމަތް ފަށާފައި ވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އޭގެ ފަހުން މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގި ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.