ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑާޝިޕަށް ގެނައި ބަދަލުތަކާއެކު، މިހާރަކަށް އައިސް އާންމުން ކަންބޮޑުވާ މައްސަލަތައް ބަލައިނުގަންނަ ކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ގައުމީ ސަލާމަތާ ބެހޭ ބިލު ބަލައިނުގަތުމަށް މަޖިލިހުން އިއްޔެ ފާސްކޮށްފައިވަނިކޮށް، އެކަމާ ގުޅިގެން ނެރުއްވި ބަޔާނުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ތަމްސީލްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނުތައް ދިރާސާކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރެވެމުން ދިޔަ ތަޖުރިބާގެ އަލީގައި 2016 ގައި ފަރުމާކުރި އެ ބިލު މިދިޔަ އަހަރު މުރާޖައާކޮށް ބަދަލު ގެނެސްފައި ވާނީ ސަރުކާރުގެ މުއައްސަސާތަކަށް ބޮޑެތި އިދާރީ ބަދަލު ނުގެނެސް، ގައުމީ ސަލާމަތާ ބެހޭ ކަންކަން ތަރުތީބުކުރެވޭނެ ގޮތުގެ މަތިން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، އެ ބިލު ރާއްޖޭގެ އެއްވެސް ގާނޫނަކާ ތައާރަޒެއް ނުވެއެވެ. އަދި އެ ބިލުގައި މައްސަލައެއް ހުރި ކަމަކަށް އެއްވެސް މެންބަރަކު ފާހަގަ ކުރައްވާފައެއް ނުވެއެވެ.
އެހެންވެ، އެއްވެސް ސަބަބެއް ނެތި، ގައުމީ ސަލާމަތާ ބެހޭ ބިލު އެމްޑީޕީން ބޭރުކޮށްލުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި ހިލާފު ކަމެއްގެ ގޮތުގައި، އަދި އިދިކޮޅުގެ އަޑު މަޖިލީހުގައި ކަނޑުވާލަން ހިންގި އަމަލެއްގެ ގޮތުގައި އާދަމް ޝަރީފް ވަނީ ސިފަކުރައްވައިފައެވެ. މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބައިވަރު މައްސަލަތައް އެމްޑީޕީގެ ސުޕަމެޖޯރިޓީން ބަލައިނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅެއެވެ. ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ." ބަޔާނުގައިވެއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ގައުމީ ސަލާމަތާ ބެހޭ ބިލުގައި ހިމަނާފައިވާ ބައެއް ނުކުތާތަކުގެ ތެރޭގައި، ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ގައުމީ ސަލާމަތާ ބެހޭ ކައުންސިލާއި ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެ ފަރާތްތަކުގެ ޒިންމާތަކާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ކަންކަން ކުރާނެ ގޮތްތައް ހިމެނެއެވެ.