މިނީ ބަސް ވެގެންދާނީ ރައްޔިތުންނަށް ތަސައްލީއަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅިގެން ރައީސް ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިއުމަކީ އެ ނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް އެ ހިދުމަތްވެގެންދާނެ ކަމަށާއި އިތުރަށް ތަރައްގީވެގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިއަދު ފަތިހު މިނީ ބަހުގެ ހިދުމަތް ފަށާފައި ވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އޭގެ ފަހުން މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގި ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.