ރައްޔިތުން އުފާވާ ވަރަށް މިނީ ބަހުގެ ހިދުމަތް ދެވޭތޯ ބައްލަވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ މިނީ ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްގެން މާލެ ސިޓީގައި މިއަދު ވަނީ ފަށާފައެވެ.

އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރާ ކޮންމެ ޕްރޮޖެކްޓެއްވެސް ރައީސް އެދިވަޑައިގަންނަވާ ގޮތަށް ރައްޔިތުންނަށް އުފާވެރިކަން އަދި ފަސޭހަކަން އިހުސާސް ކުރެވޭ ވަރަށް ކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އަދި މާލެ ބަހުގެ ހިދުމަތްވެސް ރައްޔިތުން އުފާވާ ވަރަށް ދެވޭތޯ ބައްލަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދު ފަތިހު މިނީ ބަހުގެ ހިދުމަތް ފަށާފައި ވާއިރު ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އޭގެ ފަހުން މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގި ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.

މިނީ ބަސްތައް ދަތުރުކުރާނީ 3 ރޫޓަކުންނެވެ. އެއީ:

  • އެއީ މަޖީދީ ރޫޓް، އަމީނީ ރޫޓް އަދި ސޯސަން ރޫޓެވެ.
  • އަމީނީ ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. ސޯސަން ރޫޓް އަދި މަޖީދީ ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.

މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރު ކުރާނެއެވެ. އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އާކޮށް، ޓްރެފިކް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.

މާލޭގެ އިތުރުން، މިނީ ބަހުގެ ހިދުމަތް ދިނުމަސް ހަމަޖެހިފައިވަނީ ލ. ގަން، ފުނަދޫ، އިސްދޫ ކަލައިދޫގެ އިތުރުން އައްޑުއާއި ފުވައްމުލަކުގައެވެ.