ރަހުމަތްތެރިއެއްގެ ބައްޕަ އެއް ސަލާމަތްކޮށްދިނުމުގެ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އަށް އިއުތިރާފްވި މީހަކު ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ފަހު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެމްއެމްއޭ އިމާރާތުގެ ކުރިމަތީ އޮތް ފަޅުގައި މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން، ޑިސެމްބަރު މަހުގެ މެދުތެރޭ "ސީވިއު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއްގައި އިން އަބްދުﷲ ސައީދު ނަމަކަށް ކިޔާ މީހެއްގެ އަތުން 20 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ. އަބްދުﷲ ސައީދު ހައްޔަރުކުރުމުން އޭނާ ބުނީ އެއީ ގއ. ދެއްވަދޫ، ނޫމުތި، އަޖުވަދު މުހައްމަދު ހަވާލުކުރި އެއްޗެއް ކަމަށެވެ.

އެ މައްސަލައިގެ ތަހްގީގީ މަރުހަލާގައި އަޖުވަދު ވަނީ ކުށަށް އިއުތިރާފުވިއެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާގައި ކުށަށް އިންކާރު ކުރުމަށް ފަހު، އޭނާ ބުނި ގޮތުގައި ތަހްގީގީ މަރުހަލާގައި އިއުތިރާފްވެފައި ވަނީ ރަހުމަތްތެރިއެއްގެ ބައްޕަ އެއް ސަލާމަތްކުރުމަށެވެ. އެކަމަކު ޝަރީއަތުގެ މަރުހަލާ ފަށައި ބަޔާން އިއްވަން ފުރުސަތު ދިނުމުން އޭނާ ވަނީ ދައުވާ އަށް އިއުތިރާފްވެފައެވެ. އަދި އިއުތިރާފްވީ އެއްވެސް މަޖުބޫރެއް ނެތި ކަމަށް ބުންޏެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އަޖުވަދުގެ މައްޗަށް އެ މައްސަލަ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ނިންމައިފައެވެ. ވުމާއެކު ކްރިމިނަލް ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

ޖޫރިމަނާކުރި ފައިސާ އިއްޔެއިން ފެށިގެން އަހަރެއް ތެރޭ މީރާ އަށް ދެއްކުމަށް އެ ހުކުމުގައި ބުނެފައިވެއެވެ.