ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މޫސުމާ ބެހާ ގައުމީ އިދާރާ (މެޓް)އިން ރީނދޫ އެލާޓު ނެރެފިއެވެ.
ގަޑިއިރަކު 25 މޭލާއި 30 މޭލަށް ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދެވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅަށެވެ.
މިއަދު 11:15 އިން މެންދުރު 2:00 ގެ ނިޔަލަށް އެ އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފައިވާއިރު އިއްޔެ ވެސް މެޓް އޮފީހުން ވަނީ ހއ އިން ތ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައެވެ.
މެޓުން އަންނަނީ މި ދުވަސްތަކުގައި މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށް އެކަންކަމަށް ސަމާލުވުމަަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ވެސް ވަނީ މޫސުމަށް ސމާލުވުމަށް އެދިފައެވެ. ފުލުހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރާ ކަަމަށެވެ.
އެގޮތުން، ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އޭގެ އިތުރުން އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކައި އުޅަނދުގައި ފުރިހަމަވެފައި ހުންނަން ޖެހޭ މުއާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ އާއި އެ ތަކެތި ހުރީ ބޭނުންކުރެވޭ ފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.