ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރިން ދާއިރު ފެންނަން ހުންނަ ޓިނު އިމާރާތަކީ މިއަދު ހުޅުވި ކާމިލް ދީދީ ޕްއިމަރީ ސްކޫލެވެ. އެތަން ހަދަމުން ދިޔައިރު، އެއީ ވަގުތީ މާރުކޭޓެއް ކަމަށް ބައެއް މީހުން ބުނެ ހެދިޔަސް ހުޅުވާލީމައި އެއީ ސްކޫލެއްކަން އެނގިއްޖެއެވެ.

ވަށައިގެން ޓިނުން ބައްދާ، މެދު ހުސްކޮށް އޮންނަ ގޮތަށް ހަދާފައި ވާ އެތަން ހުންނަ ގޮތަށް އޭގެ ދެބައި ހަދަން، 23 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ބޮޑު ޕްރޮޖެކްޓެކެވެ. ފުރަތަމަ ފިޔަވަހީގައި މިއަދު ހުޅުވި ތަނުގައި 12 ކްލާސްރޫމް ހަދާފައި ވާއިރު، ގްރޭޑް 6 އާ ހަމައަށް 824 ދަރިވަރުންނަށް ކިޔެވޭނެ ކަމަށް ބުނެއެވެ.

ފައުންޑޭޝަނުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭން އެޅި ޓިނު ސްކޫލު ޑިޒައިން ކުރީ އެޗްޑީސީންނެވެ. 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެސްޖޭއާ އެމަސައްކަތް މިދިޔަ މާޗު މަހު ހަވާލު ކުރި ނަމަވެސް އެ މުއްދަތުގައި އެތަން ނިންމިފައެއް ނުވެއެވެ.

މިއަދު އެތަން ނައިބް ރައީސް ފައިސަލް ނަސީމް ހުޅުއްވައި ދެއްވި އިރު، އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

"23 މިލިއަނަށް ލޭބާ ކްއާޓަރެއްނު މިހިރީ ހަދާފަ، މިއީ އެބުނާ ބިޔަ މަޝްރޫ، މިއީ ސީދާ ޑޭލައިޓް ރޮބަރީ، މިތަނަށް ނުދާނެ 4 މިލިއަން ރުފިޔާވެސް، އެ ހުރިހާ ސާމާނަކާ އެކު" ބެލެނިވެރިއަކު ބުންޏެވެ.

ފާޑުކިޔުން އަމާޒުވީ ބެލެނިވެރިޔާގެ ފަރާތުން އެކަންޏެއް ނޫނެވެ. މުޅި ސޯޝަލްމީޑިއާގައި ވެސް 23 މިލިއަން ރުފިޔާ ހަރަދު ކޮށްލައިގެން ޓިނު ބިއްގަނޑެއް ހަދައިފި ކަމަށް ބުނެ ފާޑުކިޔުމާއި އެއީ ހަރަދާ ނުބައްދަލު މަސައްކަތެއް ކަމަށް ބުނެ ފާޑުކިޔުންތައް ދަނީ އަމާޒު ވަމުންނެވެ.

"މިއީ ވަގުތީ އިމާރާތެއް. ހިޔާ ފްލެޓްތައް ކުރީ ސަރުކާރުން އެޅިއިރު، ރަނގަޅު ޕްލޭނެއް ނެތި އެކަން ކޮށްފައި އޮތުމުގެ ސަބަބުން އެވަރުގެ އާބާދީއަކާއެކު އަންނާނެ އެހެން ކަންކަން ރޭވިފައެއް ނެތް، ސްކޫލްތައް އަޅާ، އެކަށީގެންވާ ޕްލޭނަކާއެކު މި ސަރުކާރުން މަސައްކަތް ފަށާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލްތައްވެސް އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން. މި ސްކޫލް މިއީ ވަގުތީ ސްކޫލެއް ނަމަވެސް، ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް ވާނީ ފުރިހަމަކުރެވިފައި. ހަމައެކަނި ކްލާސްރޫމްތަކެއް އަޅާފައި ނިންމާލީކީ ނޫން."
ތަރުޖަމާން މިއުވާން މުހައްމަދު

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މިއަުވާން މުހައްމަދު ވިދާޅުވީ، ފޭސް 2 ހެދި އިރު ފްލެޓް ތަކުގެ ބޭރުން އެއްވެސް ޕްލޭނެއް ނެތް ކަމަށާއި މީހުން އާބާދުވާއިރު އުމްރާނީ އެހެނިގެން ވަސީލަތްތައް ބޭނުންވާނެކަން އެނގޭއިރު އެފަދަ ކަންކަން ރާވާފައި ނެތް ކަމަށާއި، މި ސަރުކާރުން ބޭނުންވީ ވަގުތީ ސްކޫލެއް ނަމަވެސް އަޅައިގެން ވަގުތުން ކިޔައިދެވޭނެ ގޮތް ފަހި ކުރަން ކަމަށެވެ. އަދި އެއީ ވަގުތީ ތަނެއް ނަމަވެސް، ފޭސް 2 ގައި އިތުރު 2 ސްކޫލެއް މިއަހަރު ތެރޭގައި ނިންމާ ހުޅުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބޮޑު އާބާދީއެއް މިހާރުވެސް އޮތް ހުޅުމާލޭ ފޭސް 2 ގައި އެޗްޑީސީން ހެދި މި ސްކޫލުގެ ދެވަނަ ފިޔަވަހީގައި، ޖެހިގެން ފުރަގަހުން ހަމަ އެ ސައިޒްގެ އިތުރު ސްކޫލެއް ހަދާނެއެވެ. އެއީ ފޭސް 2 ގައި އުޅޭ ގިނަ ބައެއްގެ ދަރިން، ގޮވައިގެން ފޭސް 1 އާއި، މާލޭގެ ސްކޫލުތަކަށް ދާން ޖެހި އުފުލަން ޖެހޭ ތަކުލީފަށް ނިމުމެއް ގެނައުމަށެވެ.

ނަމަވެސް، ކާމިލްދީދީ ސްކޫލުން ޖާގަ ލިބުމުގައި އަތޮޅުތެރެއިން އައި ބައެއް މީހުންނަށް އިސްކަން ދިނުމުގެ ޝަކުވާތައްވެސް މިއަދު ފެންމަތިވަމުން ގޮސްފައި ވެއެވެ.

"އަހަރެންވެސް ފޭސް 2 ގަ މިއުޅެނީ، ދަރިފުޅު އެ ސްކޫލަށް ބަދަލުކުރަން އެދި އެދި އެޑިއުކޭޝަނުން އެކަން ކޮށެއް ނުދިން، ޖާގައެއް ނުދިން" ފޭސް 2 ގައި ދިރިއުޅޭ މީހަކު ބުންޏެވެ. އޭނާ އިތުރަށް ބުނީ، އޭނާގެ ދަރިފުޅަށް ޖާގަ ނުލިބުމުގެ ހިތާމަ އޮތް ނަމަވެސް، އެ ސްކޫލް ހުޅުވި، ދަރިވަރުން ތަކަކަށް ކިޔެވުމުގެ ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ.

ކާމިލް ދީދީ ސްކޫލާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށް އެޑިއުކޭޝަނުންވެސް އަދި އެޗްޑީސީންވެސް އެއްޗެއް ނުބުންޏެވެ.