ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަމުގައި ފިނޭންސް މިނިސްޓަކަށް ހުންނެވީ އެއާއިލާގެ ބާސިލް ރާޖަޕްކްސަ ފުރަން އުޅުއްވަނިކޮށް ހިފަހައްޓާފައި އޮތް އޮތުން ސްޕްރީން ކޯޓުން ދޫކޮށްލައިފިއެވެ.

ލަންކާ މިނިވަން ވި ފަހުން އިގްތިސޯދީ ގޮތުން ދިމާވި އެންމެ ދަތި ދުވަސް ވަރު، ގޮތަބަޔާ ގައުމު ދޫކުރައްވާ ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ވަގުތު ބާސިލްވެސް ވަނީ ގައުމު ދޫކުރައްވާ ވަޑައިގަންނަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އޭނާ އެއާޕޯޓުން ހިފަހައްޓާ ފުރުން މަނާކޮށްފައި ހުންނަތާ އެތައް ދުވަހެއް ފަހުން ސްޕްރީން ކޯޓުން ނިންމީ، 4 މަހަށް އެމެރިކާއަށް ވަޑައިގެންނެވި ދާނެ ކަމަށެވެ.

އޭނާ އެމެރިކާއަށް ވަޑައިގަތުމުގެ ހުއްދަ ދިނީ ބޭސްފަރުވާއަށެވެ.

ލަންކާގެ ހަމަނުޖެހުންގަނޑުގެ ތެރޭގައި އޭރުގެ ބޮޑުވަޒީރަކަށް ހުންނެވި، މަހިންދަ ރާޖަޕަކްސައަށްވެސް ވަނީ ފުރުން މަނާ ކޮށްފައެވެ. ރާޖަޕްކްސަ އަދިވެސް ލަންކާގައި ހުންނެވި އިރު، ގޮތަބަޔާ ލަންކާ ދޫކުރައްވައި، އެއާފޯސްގެ އެހީގައި ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެން ފަހުން ތައިލޭންޑަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށް ރޭ ވަނީ އަނބުރާ ލަންކާއަށް ވަޑައިގެންފައެވެ.

ބާސިލް ފުރުން މަނާ ކުރި އިރު، އޭނާއަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުވެސް ކުރެވިފައެވެ. އޭނާ މަޝްހޫރުވެފައި އޮންނަނީވެސް "މިސްޓާ 10 ޕަސެންޓް" ގެ ގޮތުގައެވެ. އެއީ އެކިއެކި ޕްރޮޖެކްޓްތަކުން ބައި އަޅާތީ ހަރުކޮށްފައި އޮންނަ ލަގަބަކެވެ.

ގޮތަބަޔާގެ އެންމެ ހަގު ކޮއްކޯފުޅު ބާސިލް މާލީ ވަޒީރުކަމުން އިސްތިއުފާ ދެއްވީ މިއަހަރުގެ އޭޕްރީލް މަހުއެވެ. ބާސިލް ފުރާ ވަޑައިގަންނަވަން މަސައްކަތް ކުރެއްވީ އެމިރޭޓްސް ފްލައިޓެއްގައި ދުބާއީއަށެވެ.