އެހެން ހޮސްޕިޓަލް ތަކާއި ކްލިނިކް ތަކާ ހިލާފަށް ޓްރީޓޮޕްގައި އެޕޮއިންޓްމަންޓް ދެނީ، ގަޑިއެއް ކަނޑައަޅާ އެ ގަޑި ޖެހުމުގެ ލަސްވެގެން ބައިގަޑިއިރު ކުރިން، އާންމުކޮށް ގަޑިއެއްގެ އިރު ކުރިން ދާން ޖެހޭ ގޮތަށެވެ.

ބަލި މީހުން ޑޮކްޓަރަށް ދައްކަން އާސަންދަ ލައިގެން 650ރ، އާސަންދަ ނުލައި 450ރ ދައްކައިގެން ދާ އިރު ޓްރީޓޮޕްގައި މިހާރު ކުރަން ޖެހެނީ ހިތި ތަޖުރިބާއެކެވެ. ޑޮކްޓަރަށް ދައްކަން ދާ ބަލި މީހާ އަކީ އުމުރުން ދުވަސްވެފައި ހުރި މީހަކަސް ޕްރިއޯރިޓީ ތަރުތީބެއް ނޯންނަ އިރު އެ ބަލި މީހަކު ދައްކަން ދާން ޖެހޭ ކްލިނިކް ތަކުގެ ކިޔޫގައި އެތައް އިރަކު މަޑުކުރަން ޖެހުމަކީ ބޮޑު ޝަކުވާއެކެވެ.

"އަހަރެން މި އައީ، މަސް ދުވަސް ކުރިން އެޕޮއިންޓްމަންޓް ހައްދައިގެން، މި ކްލިނިކްގެ ކިޔޫގައި އިންނަތާ މިހާރު ބަރާބަރު 2 ގަޑި އިރު ވީ، މިތާ މާ ގިނަ ބަޔަކުވެސް ތިބީކީ ނޫން، ދެން ކީކޭދޯ ބުނާނީ"
ކިޔޫގައި އިން އުމުރުން ދުަވސް ވީ އަންހެނެއް

އެއީ ކްލިނިކް އޭ ގައި އިން އުމުރުން ދުވަސް ވީ މީހެއްގެ ޝަކުވާއެވެ.

ގަވައިދުން ޓްރީޓޮޕްގެ ޑޮކްޓަރަކަށް ދައްކާ އުމުރުން ދުވަސް ވީ މީހަކު ގޮވައިގެން އިއްތިފާގުން އެދުވަހު އަހަންނަށްވެސް ދެވުނީ ކްލިނިކް އޭ އަށެވެ. އެ ޝަކުވާ އަހަންނާ އޭނާ ކުރީ، އޭރު އަހަރެންވެސް ކްލިނިކް އޭގެ ކިޔޫގައި އިންނަތާ 1 ގަޑިއިރާއި ބައި ވެ ދިޔުމުން ކައުންޓަރު ކައިރިއަށް ގޮސް، އަދި ކިހާ އިރެއް ވާނެތޯ، އެތާ ތިބި 2 ސްޓާފުންނާ ސުވާލު ކޮށްފައި އައިތަން ފެނިގެންނެވެ.

ޓްރީޓޮޕްގައި މިހާރަކަށް އައިސް ހިދުމަތުގައި އެހާބޮޑު ލަސްތަކެއް ދިމަވާ ސަބަބަކީ ކޮބާހެއްޔެވެ؟ މީގެ ކުރިން ދިމާ ނުވާ ލަސްވުމެއް މިހާރު ދިމާވާތީ، އެކަން އޮޅުންފިލުވުމުގެ ޝައުގު ބޮޑުވެ، ޓްރީޓޮޕްގެ އެޗްއާރާއި، ޕީއާރާއި، އިންފޮމޭޝަން ކައުންޓަރުތަކުގައި ތިބޭ ސްޓާފުން ކުރެން އެހުމުން ސާފުވީ، ކުރިން ނުދޭ ގިނަ ހިދުމަތްތަކަކަށް އެ ހޮސްޕިޓަލް ހުޅުވާލުމާއި، އާ ސޮފްޓްވެއާ އަކަށް ހިޖުރަ ކުރާތީ އަންނަ ލަސްވުމެއް ކަމަށެވެ. އެކަމާ ގުޅިގެން އެތާނގެ މީޑިއާ އޮފިޝަލް ވިދާޅުވީ 2-3 މަހެއްގެ ތެރޭގައި އާ ސޮފްޓެވެއާ އަށް ހިޖުރަ ކުރެވޭ ކަމަށާއި އޭރުން މިހާރު ދިމާވާ ލަސްކަމަށް ހައްލު ލިބޭނެ ކަމަށެވެ.

ޓްރީޓޮޕުން ހިދުމަތް ހޯދަން ކްލިނިކް އޭގައި ލަސްވެ ތަރުތީބު ގެއްލިފައި / ފޮޓޯ: ދަ ޕްރެސް

ނަމަވެސް އެއީ މުޅިއަޅުން ރަނގަޅު ވާހަކައެއް ނޫނެވެ. ކްލިނިލް އޭ އަށް އަހަރެން ދިޔައިރު، އެތާ ކިޔޫގައި ތިބީ ބަރާބަރު 15 މީހުންނެވެ. އެއިން މީހަކަށް ހިދުމަތް ދޭން ކައުންޓަރުގައި ތިބޭ ކުދިން، މަދުވެގެން 15-20 މިނެޓް ނަގައެވެ. ކުރާ ކަމެއް ނޭނގެއެވެ. ކިޔޫގައި ހުންނަ މީހާ ރުޅިގަދަވެ އެ ކުދިންނާ ސުވާލު ކުރާތަންވެސް ފެނެއެވެ. ކިޔޫ ނަންބަރު ޖެހުމުން އަހަރެންގެ ގޮސް ބެލި އިރު ވާގޮތަކީ ހަމަ ސްލޯ އީ އެވެ. ޑޮކްޓަރަށް ދައްކާ މެމޯ ޕްރިންޓް ކޮށްލަންވެސް 5 މިނެޓް ނަގައެވެ. ޑޮކްޓަރަށް ދައްކާފައި، ލިޔެދޭ ބޭސް ސިޓީ، އާސަންދަ ޕޯޓަލަށް އަޅަން އަންނަން ޖެހެނީވެސް އެ ކައުންޓަރަށެވެ. އެކަމަށްވެސް ކިޔޫގައި ޖެހި ނަންބަރު ޖެހޭ އިރު އެތައް އިރެއް ވެ، އެ ބޭސް ސިޓީ، އާސަންދަ ޕޯޓަލަށް އަޅާލަންވެސް 15 ވަރަކަށް މިނެޓް ނަގައެވެ.

ދެން އެ ޕްރެސްކްރިޕްޝަން ޕްރިންޓް ކޮށްފައި ދިނީމައި، އޭގައި އަދި ތައްގަނޑެއް ޖަހަން ޖެހެއެވެ. އެ ތައްގަނޑު ޖެހެނީ ގްރައުންޑް ފްލޯގައި ހުންނަ އިންފޮމޭޝަން ކައުންޓަރުންނެވެ. އެތަނަށް ދާއިރު އެތާނގައިވެސް އެހާކަންހާވަރުގެ ކިޔޫއެއް އޮވެއެވެ. ނަމަވެސް ނަންބަރު ޖެހި ކައުންޓަރުގައި ތިބޭ ކުދިންނަށް އެ ޕްރެސްކްރިޕްޝަންގައި ސްޓޭމްޕް (ތައްގަނޑު ޖަހަން) ވެސް އެހާ ގިނަ އިރު ނަގައެވެ.

"ކޯއްޗެއްތަ، އެ ބަލަނީ، އަޅެ ތައްގަނޑެއް ޖަހާލަން އެހާ އިރެއް ނަގަން ޖެހޭތަ"
އަހަރެން ޝަކުވާ ކުރީމެވެ.

މިފަހަރު އަހަރެންގެ ޝަކުވާއެކެވެ. ޓްރީޓޮޕްގެ ޕީއާރު މެނޭޖަރާ ދިމާވި ވަގުތު އެ ޝަކުވާ ކުރުމުން އޭނާގެ ޖަވާބަކަށް ވީ، އެހެން ވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އެ ސްޓޭމްޕް ޖެހެނީ ހަމައެކަނި އިންފޮމޭޝަން ކައުންޓަރުން ކަމަށާއި އެހެންވީމައި ކްލިނިކުން މިވަގުތު އެކަން ނުވާނެ ކަމަށެވެ.

ޓްރީޓޮޕްގެ ހިދުމަތްތައް ދިނުމުގައި ބޮޑު ލަސްވުމެއް ހުރިކަން ޕީއާރުގެ ފްލޯ މެނޭޖަރުވެސް އެއްބަސްވިއެވެ. އަދި އެކަން ރަނގަޅު ކުރަން މަސައްކަތް ކުރާ ވާހަކަވެސް ބުންޏެވެ.

ޓްރީޓޮޕުން ހިދުމަތް ހޯދަން ކްލިނިކް ސީގައި ލަސްވެ ތަރުތީބު ގެއްލިފައި / ފޮޓޯ: ދަ ޕްރެސް

އެދުވަހުގެ ނުތަނަވަސް ކަމާއެކު، ނުކުމެގެން އައިސް، 1 ހަފްތާ ފަހުން އަނެއްކާ ޓްރީޓޮޕަށް ދާން ޖެހިގެން ދިޔައިމެވެ. މިފަހަރު ކްލިނިކް ސީ އަށެވެ. ކްލިނިކް އޭ އަށް ވުރެ ހާލު ބޮޑެވެ. ލަހެވެ. ޑޮކްޓަރަށް ދައްކަން ގޮސް ތިބި އެންމެން އެ ޝަކުވާ ޕީއާރު މެނޭޖަރާ ކުރިއެވެ. އޭނާ އެ ދުވަހުވެސް އަހަރެންގެ ކައިރިއަށް އައިސް ދެއްކީ ކުރިން ދެއްކި ވާހަކައެވެ. ނަމަވެސް އޭގެ ފަހުން މިއަދަށް 2 މަސް ދުވަސް ވެގެން ދިޔަ އިރުވެސް އެ ލަސްކަމަށް ބަދަލެއް ނާދެވެ. މިއަދުވެސް ހޮސްޕިޓަލަށް ހިދުމަތެއް ހޯދަން ދިޔަ އިރު ޖެހުނީ އެ ދަތުރެވެ.

ޓްރީޓޮޕް ނޫނަސް ލަސްވާ ތަންތަން ހުރެއެވެ. އެހެންނަމަވެސް ބޮޑު އަގު ނަގައި މީގެ ކުރިން ރަނގަޅަށް ހިދުމަތް ދެމުން އައި ތަނެއް ބޮއްސުންލީމައި އެވާހަކަ ދައްކަނީއެވެ. ޓްރީޓޮޕް ހާދަ ލަހޭ ހާދަ ލަހޭ!