ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަ ކުރުމަށާއި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމަށް އަލަށް ހޮވުނު 15 ދަރިވަރުންނާއެކު އިންޓާންޝިޕްގެ ހަތަރު ވަނަ ބުރެއް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، 12 މަސް ދުވަހަށް ބަހާލާފައިވާ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބީއެމްއެލުން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"މި ޕްރޮގްރާމް މެދުވެރިކޮށް ތައުލީމްފޯރުކޯށްދޭ އިދަރާތަކުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާއަށް ބޭނުންވާ ތަޖުރިބާ ހޯދައިދެވޭ. މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެ ނިންމި ފަރާތްތަކުގެ ތެރެއިން %80 އަށް ވުރެ ގިނަ ބައިވެރިންނަށް ބީއެމްއެލް އާއި އެހެނިހެން މުވައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަން އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެން ކުރިއަށް އޮތްތާނގައިވެސް ހުނަރުވެރި ގާބިލް މުވައްޒަފުން ވަޒީފާގައި ދަމަހައްޓައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނެހެން މަސައްކަތްކުރަމުންދާނަން."
ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ، ޢާއިޝަތު ނޫރައްދީން

މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައަޅާފައި ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ދެވޭ އިނާޔަތަކީ ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމަކަށް ދެވޭ އެންމެ ރަނގަޅު އިނާޔަތް ކަމަސް ވެސް އެ ބޭންކުން ބުނެއެވެ. އިންޓާންޝިޕް މުއްދަތުގައި ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދީ އަދި ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފަހި ފުރުސަތެއް ލިބިގެންދާނެއެވެ.

ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނު ކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފައެވެ.